ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ފަހު ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީ އިތުރު ދެ ހަފުތާއަށް ދިގުކޮށްފި އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ ރޯދަ މަހާއި އީދަށްފަހު އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް މިދިއަ ހޯމަ ނުވަތަ މިއަދު ފަށަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށިފައިވަނިކޮށް ދައުރުން ބޭރުގައި ބޭއްވި ކަމަށް ބުނާ ދެ ޖަލްސާ ހިމަނައިގެން ފުރަތަމަ ދައުރުގައި ބޭއްވީ ޖުމްލަ 13 ޖަލްސާ އެވެ.
މެމްބަރުން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވިއިރު މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި، ހެއްކާ ބެހޭ ބިލާއި، ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅާފައި ވީނަމަވެސް، މިބިލްތަކާ މެދު މަޖިލީހުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށާފައިވާއިރު މަޖިލިސް ހިންގަމުން ގެންދަނީ ޤާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަޖިލީހުގެ ފުރަތަމަ ދައުރުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެފައެއް ނުވެ އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ވަނީ އެންޓި ޑިފެކްޝަން ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށް، ބައެއް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރަން ރުހުން ދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މުސާރައާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 82،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.