މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ނިންމައިފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުހެ 15 ގައި ހުޅުވައިލާނެ ކަމަށެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ މީހުންގެ ރި-ރެޖިސްޓްރޭޝަނަށް އަންނަ މަހުގެ 17 ގައި ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީ އަންނަ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މި މަހުގެ 10-20 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޝަކުވާ ފޯމު ވެސް އާދިއްތަ ދުވަހުން ފެށިގެން ކޮމިޝަންގެ އިދާރާއިންނާއި ވެބުސައިޓުންވެސް ލިބެން ހުންނާނެ ކަމަށެވެ.
އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކާ ބެހޭ ގޮތުން ޝަކުވާ ހުށައެޅުމަށް ވެސް ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މުއްދަތު ދޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އޮންނާނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ކަމަށާއި، ކެމްޕޭން ކުރުމަށް ރަސްމީކޮށް ފުރުޞަތު ހުޅުވާލާނީ އެދުވަހުން ފެށިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބަށް ރީރެޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ 17 ޖުލައި އިން ފެށިގެން 19 އޮގަސްޓާއި ހަމައަށް ކަމަށެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ.
ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
2018 vana aharuge Riyaasee Inthihaabu baahvaa thaareekhu iulaanu kurumah baahvaa rasmiyyaathuge therein pic.twitter.com/YU5QqSVcAZ
— Elections Commission (@ElectionsMv) June 7, 2018
ރާއްޖޭގައި ރިއާސީ ދައުރު ގުނަން ފަށަނީ ރިއާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.