Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖަލަށް ޑްރަގް ވެއްދި އޮފިސަރަކު ހައްޔަރުކޮށްފި

ފޮޓޯ: ވީނިއުސް

ފުލުހުންނާއި ކަރެކްޝަންސްއިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާ ތަކެތި ބަންދު ކޮށްފައިތިބޭ ގައިދީންނަށް ފޯރުކޮށްދިން ކަމުގެ ތުޙުމަތުގައި އިއްޔެ ހައްޔަރު ކުރި ކަރެކްޝަންސް ސަރވިސަސްގެ އޮފިސަރު ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.

ހައްޔަރު ކުރެވުނު މީހާއަކީ މީގެ ކުރިންވެސް ކަރެކްޝަންސްގެ އޮފިސަރުންނަށް ޝައްކުވެގެން ފާރަލައި ސުވާލުކޮށްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ފުލުުހުން އޭނާ އަތުލައިގަތީ ގުނަ ދުވަސްތަކެއް ވަންދެން ފާރަލައިގެން ކަމަށް ވެއެވެ.

މިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ކަރެކްޝަންސް ސަރވިސަސްގެ ސްޓާފް ސާޖެންޓް ރޭންކުގެ ފިރިހެން އޮފިސަރެކެވެ.

މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު އޭނާވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ފުލުހުން އެއޮފިސަރު ހައްޔަރުކުރިއިރު އޭނާގެ އަތުން 18،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާއި ގުޅިގެން ކަރެކްޝަންސް ސަރވިސަސްގެ މީޑިއާ އޮފިޝަލް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އެއީ ހިނގާފައިވާ ކަމެއް ކަމަށާއި އެކަމާއި ގުޅިގެން އެއޮފިސަރު "ވަޒީފާއިން ވަކި ކުރާނެ" ކަމަށް ބުނެފައިވާ ކަމަށް އެނޫހުގައި ބުނެފައިވެއެވެ.