Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝުޖާއު ރިޔާސީ އިންތިޚާބުގައި ވާދަ ކުރަނީ

ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ހުސައިން ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާ އެކަން އިއުލާން ކުރައްވައިފިއެވެ.

ޝުޖާޢު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ސައްތައިން ސައްތަ އިސްލާމީ މިގައުމަކީ ތާއަބަދު އެގޮތުގައި ދެމިއޮންނަންޖެހޭ ތަނެއް ކަމުގައި އެބޭފުޅާ ގަބޫލު ކުރައްވާ ކަމުގައެވެ. ގައުމުގެ އިސްތިޤްލާލަކީ އަމިއްލަވަންތަކަން ދަމަހައްޓައިދޭނެ އަސާސެއް ކަމުގައެވެ.

ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކާއި އިންސާނީ ޙައްޤުތަކަކީ ޤާނޫނޫ އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭނެ ކަންކަމަށެވެ.
ބައިނަލްއަޤުވާމީ ކަންކަމުގައި ބަސްކިޔޭ ސަފުގައި މިގައުމު ހިމެނޭނީ ބައިނަލްއަޤުވާމީ އުސޫލުތަކަށް ތަބާވެ ގައުމުގެ ސިޔާދަތު އިސްކޮށްގެންނެން ކަމަށް ބަޔާނުގައި ވެއެވެ.

ޝުޖާޢު ވިދާޅުވީ ޝަރުޢީ ނިޒާމް އިންސާފުވެރިވެ ދިވެހި އަސްކަރިއްޔާ އާއި ފުލުހުން ގައުމީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. ހުއްޓިފައިވާ ޤާނޫނު ހެދުމުގެ ބާރު ހިނގައިގަތުމަށް ފުރުސަތު ލިބެން ޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމް ތަރުތީބު ކުރުމަށް އިސްކަން ދޭންޖެހޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އޭނާ ވިދާޅުވީ ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެބޭފުޅާ ކުރިމަތިލައްވަނީ ވަކިފަރާތްތަކެއްގެ އިސްތިއުމާރީ އަޅުވެތިކަމުގައި އޮތް ވެރިކަމުގެ ބާރު މިނިވަން ކުރުމަށް ކަމުގައި ޝުޖާޢު ވިދާޅުވިއެވެ. އަދި ޒާތީ ތަޢައްސުބާއި ހަސަދައިން ފޯވެފައިވާ ސިޔާސީ ޕާޓީތަކުގެ ނިޒާމް ސާފުކޮށް، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަން އަލުން އިޔާދަކޮށް ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އައުފެށުމަކުން ފެށުމަކަށް ކަމުގައި ލިޔުއްވާފައިވެއެވެ.

ޝުޖާޢު އެލްޖީއޭގެ މެންބަރު ކަމުން ވަކިކުރީ 2015 ވަނަ އަހަރު އެވެ.