ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާގެ ޗެންނާއީއަށް އެތެރެވުމުގެ ފުރުސަތު ނުދީ ފޮނުވާލި މައްސަލަ ބަލަމުން އަންނަ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި އެކްސްޓާނަލް އެފެއާޒްގެ ސްޕޯސްޕާސަން ރަވީޝް ކުމާރާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ މެންބަރަކު ހުއްޓުވާފައި ވަނީ ޗެންނާއީގެ އިމިގްރޭޝަނުން ކަމަށެވެ. އަދި އެކަން އެހެންވީ ކިހިނެތް ވެގެންތޯ ބަލަމުން އަންނަ ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް ދިވެހި ސަރުކާރާ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މައުލޫމާތެއް ނެތް ކަމަށް ވިދާޅުވެ އިތުރު އެއްޗެއް އޭނާ އެ މައްސަލައިގައި ވިދާޅެއްނުވެ އެވެ.
ރާއްޖޭގެ ފަރާތުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ސަބަބެއް ބުނެ ނުދީ ނިހާނު އިންޑިއާއަށް އެތެރެ ވިޔަ ނުދިން ކަމީ ކަންބޮޑުވާ ކަމެއްކަމަށާއި އެކަން ސާފު ކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
ނިހާންގެ މައްސަލައާއި ބެހޭގޮތުން އިންޑިއާ ޓައިމްސްގައި ބުނެފައިވަނީ ނިހާން ޗެންނާއީ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވަނީ ރާއްޖެއާއިި ޗައިނާގެ ގުޅުން ބަދަހި ވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
މިއީ ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅަކަށް އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.