Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސަރުކާރުން ކުޅެނީ އޮށްވަޅު ގޮނޑި: މަލީހް

ރައީސް ޔާމީނަކީ ނަމުން އިކޮނޮމިސްޓަކަށް ވިޔަސް ކަމުން އިކޮނޮމިސްޓެއް ނޫން ކަމަށާއި ސަރުކާރުން ކުޅެނީ އޮއްވަޅު ގޮނޑި ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މެމްބަރު މަލީހު ވިދާޅުވީ ރާއްޖޭގެ ކަންކަން ބޮއްސުންލައި އަދުލުއިންސާފު ގާއިމުކުރުމުގައި ކުޑަވެސް ކަންފުޅެއް ނެތި، ބޭއިންސާފުން އެތައް ކަމެއް ކުރަމުންދާއިރު ހައްގުބަސް ބުނަންޖެހޭ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ. އޭނާ މިގޮތަށް ވިދާޅުވީ ވީއެފްއެމް މެދުވެރިކޮށް ޖުމްހޫރީ ޕާޓީން ގެނެސްދޭ "ރައްޔިތުންނާ ގާތަށް" ޕްރޮގްރާމުގައެވެ. ނަމަވެސް އެބަޔަކަށް ރައްޔިތުން ވަރަށް ބޮޑަށް ގަދަރުކުރާ ބޭބޭފުޅުން ގަދަނިދީގައި ތިއްބެވުމަކީ ހިތާމައެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަލީހް ވިދާޅުވީ މާދަމާގެ އުންމީދީ ޒުވާން ވިޔަފާރިވެރިން އެއްވެސް ހައްގަކާ ނުލައި ލާއިންސާނީ ގޮތެއްގައި ޖަލުގައި ބަންދުކޮށްފައިވާއިރު ގައުމަށް ހެޔޮއެދޭ ބޭފުޅުން ހަނުތިއްބެވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ.

މަލީހް ވަނީ ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އެންމެ ޮޑު މައްސަލަައަކީ އަނިޔާވެރިކަން އިސްކޮށް ބޭއިންސާފުން ކަންތައް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާ ޓެކްސް ފައިސާއިން ސަރުކާރު ހިންގާ ކަމަށާއި އެހެން ކަމުން އެ ފައިސާ އިސްރާފް ކުރުމަކީ ސަރިކާރަށް އޮތް ހައްގެއް ނޫން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ވަށާ އެނބުރޭ ގޮތަށް އޮށްވަޅު ކުޅޭހެން ފެންނަ ކަމަށާއި، ކުއްލިޔަކަށްމިއަދު ވަރަށް ގޯސް ވެފަ މާދަަން އަނެއްކާ ވަރަށް ރަނގަޅު ވެދާނެ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ. އެތައް ބައިވަރު ކޯޑިނޭޓަރުންނެއް އިށީންނާނެ ގޮނޑިއެއް ނެތް ކަމަށް މަލީހު ވިދާޅުވިއެވެ. މަލީހު ވިދާޅުވީ އެއްކޮޅުން އިންތިހާއަށް ދައުލަތުން އިސްރާފު ކުރަމުންދާއިރު ހަލާލު މަސައްކަތުން ފައިސާ ހޯދަން މަސައްކަތް ކުރާ މީހުންނަށް ނުހައްގު ބޮޑެތި އަދަބުތައް ދީ ބޮޑެތި ޖޫރިމަނާތައް ކުރަމުންދާ ކަމަށެވެ. ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ވެސް ބަނގުރޫޓުވެފައިވާ ކަމަށާއި އަދި ދައުލަތުގައި ހިމެނޭ ބޮޑެތި ކުންފުނިތައް ވެސް ބަނގުރޫޓުވެފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ މިހާލަތަށް ކަންތައް ދަނީ ސަރުކާރުގައި އިގުތިސާދީ ސިޔާސަތެއް ނެތުމުން ކަމަށެވެ. ރައީސް ޔާމީނަކީ ނަމުން އިކޮނިމިސްޓަކަށް ވިޔަސް ކަމުން އިކޮނޮމިސްޓަކަށް ނުވާ ކަމަށް ބުނެ މަލީހު ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކެއް އެބައޮތް ކަަމަށާއި އެއުންމީދުތައް ހާސިލްކުރުމުގައި ޖުމްހޫރީ ޕާޓީ އޮތީ ރައްޔިތުންނާ އެކުގައި ކަަމަށް މަލީހް ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ވެސް މަސައްކަތް ކުރަމުންދަނީ އެގޮތަށް ކަމަށާއި ވަރަށް އަވަހަށް މަންޒިލަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.