Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އީސީގެ މެމްބަރުން ބަދަލު ކުރަން ޖެހޭ: ނަޝީދު

އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވޭނީ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިގޮތަށް ނަޝީދު ވިދާޅުވެފައިވަނީ ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ދާދިފަހުން އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުންވެސް، އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ގެއްލިފައިވާ މިންވަރު ހާމަވާ ކަމުގައެވެ. އެހެން ކަމުން ދެފުށްފެންނަ އިންތިޚާބެއް ބޭއްވޭނީ މިހާރު އީސީގައި ތިއްބެވި މެމްބަރުން ބަދަލު ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވަނީ އަންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު ދެއްވާނެކަމަށް ވިދާޅުވެފައެވެ. ޝަރީފް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚް އިޢުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް ޖުލައި 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި، ޖުލައި 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމުގައެވެ.

އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު އާއްމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލާނެ ކަމަށާއި އީޔޫއާއި، އޯއައިސީއަށާއި އޭގެ އިތުރުންވެސް ތިން ޖަމިއްޔާއަކަށް އޮބްޒާވް ކުރުމުގެ ދައުވަތު ދޭނެކަމަށްވެސް ޝަރީފް މިރޭ ވިދާޅުވިއެވެ. އަދި 8 ޤައުމެއްގެ އިލެކްޝަންސް އިދާރާތަކަށްވެސް އިންތިހާބް އޮބްޒާވް ކުރުމަށް ދައުވަތު ދޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދޭނީ އެކަން ދިގު ދެންމުމަށްފަހު އޮބްޒާވަރުންނަށް އިންތިހާބު އޮބްޒާވް ކުރުމަށް ނާދެވޭ ވަރަށް ވަގުތު ކުޑަތަންވުމަށް ފަހުގައި ކަމަށެވެ.

އިންތިޚާބު ބާއްވާނެ ތާރީޚް އިޢުލާން ކުރައްވާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ދަނީ އީސީ އާއިމެދު އެފަރާތްތަކުން ހިތްހަމަ ނުޖެހޭކަން ފާޅުކުރަމުންނެވެ.