މި އަހަރު ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެއްސި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ކަމަށް ހެދޭތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުން ގެންދާކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ތާރީހު އިއުލާނު ކުރުމަށް އީސީން ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހަކީ އާދީއްތަ ދުވަހެއްކަމުން އެދުވަހަކީ މިހާރު އޮތް ގޮތުންނަމަ ސަރުކާރުގެ ރަސްމީ ދުވަހެއް ކަމުގައެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެދުވަހަކީ އިންތިޚާބަށް ޚާއްސަ ދުވަހަކަށް ހެދުމަށާއި އަދި ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސުމަށް ސަރުކާރާއި ވާހަކަ ދައްކަމުން ގެންދާކަމުގައެވެ.
މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.
އިންތިހާބަށް ކުރިމަތިލުމަށް 15 ޖުލައި ގައި އިއުލާނު ކުރުމަށްފަހު ކެންޑިޑެސީ އިއުލާން ކުރުމާއި ކެންޑިޑޭޓުންނަށް ކެންޑިޑޭޓް ނަމްބަރު ދިނުމަށް ހަމަޖެހިފައިބަނީ 9 އޯގަސްޓްގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ އިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވޭނީ މިހާރު އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެމްބަރުން ބަދަލުކޮޮށްގެން ކަމަށް ވިދާޅުވެ ރޭ ޓްވީޓެއް ކުރައްވާފައެވެ.