Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގިނަ އަދަދެއްގެ ޑްރަގާ އެކު މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސްލައިފް

ހދ. ކުޅުދުއްފުށިން 36 އަހަރުގެ ފިރިހެނަކު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކޮށްފިއެވެ. މިމީހާ ހައްޔަރު ކުރީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށި ޕޯސްޓް އޮފީހުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް މިމަހުގެ 5 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށިން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ނަމުގައި ހުރި ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނުނު އިރު އެތަކެތީގެ ބަރުދަނުގައި 563 ގްރާމް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި މީހާގެ ބަންދަށް ހދ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.