އައްޑޫގައި މިހާރު ކުރިއަށްދާ ގްރޫޕް މާރާމާރީ މައިތިރިކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އައްޑޫއަށް އަތުވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ ސްޕެޝަލް ޓީމެއް ހަތިޔާރާއި އެކު އައްޑޫއަށް އައިސްފައިވަނީ ރޭގެ ފްލައިޓުންނެވެ.
އައްޑޫގައި ގްރޫޕް މާރާމާރީ ފެށިފައިވަނީ ރޯދަ މަސް ފެށުމުގެ ކުރިންނެވެ، އެގޮތުން ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ރޯދަ މަހުގެ ފުރަތަމަ ރޭ ހިތަދޫ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ. އެރޭ ގްރޫޕަކުން ވަނީ އެ ރެސްޓޯރެންޓުގައި ހުރި ޒުވާނަކަށް ކަތިވަޅިން ހަމަލާދީފައެވެ.
އޭގެ ފަހުންވެސް ތޫނު އެއްޗެހި ހިފައިގެން ހިތަދޫ ގެއަކަށް ވަދެ ވަނީ މާރާމާރީ ހިންގާފައެވެ.
މާރާމާރީ އިތުރަށް ގަދަވެފައިވަނީ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ މެޗު ބަލަން ގޮސް ތިބި ސަޕޯޓަރުންގެ މެދުގައި ހިނގި މަރާމާރީއަކާއި ގުޅިގެންނެވެ. އެމާރާމާރީގެ ބައިވެރިން ވަނީ މަރަދޫގައި ހުންނަ ޗިލްބޭ ރެސްޓޯރަންޓަށް ވަދެ މާރާމާރީ ހިންގައި އެތަނަށް ގެއްލުން ދީފައެވެ.
އަދި އެރޭގެ މާރާމާރީ ނުހުއްޓި ހިތަދޫގައި ގާތްގަޑަކަށް 3 ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ
މައުލޫމާތު ލިބޭ ގޮތުގައި ގްރޫޕް މާރާމާރީ ހުއްޓުވުމަށް ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެނީ ފުލުހުން ބޭނުް ކުރާ ބައެއް ވެހިކަލްތައް ހަލާކުވެފައި ހުރުމުންނެވެ.
މާރާމާރީ އިތުރުވެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ތިއްބާ އައްޑޫ ކައުންސިލުން ފުލުހުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކުރިއެވެ.
ފުލުހުން ފަހުން ވަނީ ހުޅުމީދޫ އަދި ފުވައްމުލަކުންވެސް ފުލުހުންގެ ޓީމެއް ގެނެސްފައެވެ.
ރޭ އައްޑޫއަށް އައި ހާއްސަ ޓީމުން މާރާމާރީ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިރޭ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައިވެސް ގިނަ އަދަދަކަށް ފުލުހުން ތިބިކަން ފާހަގަކުރެވެއެވެ.
މާރާމާރީ އާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުައްދަތުވަނީ އިތުރުކޮށްފައެވެ.