Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޝެލްބީންސް ބަދިގޭ ހާދިސާގައި ބަޔަކަށް އަނިޔާވެއްޖެ

ފޮޓޯ: ވަގުތު އިމޭޖެސް

ހެންވޭރު ޕާކްސައިޑް އިމާރާތުގައި ހުންނަ ޝެލްބީންސް ބަދިގޭގައި ގޭސް ހޮޅިއެއް ފަޅައިގެން ގޮސް ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އެ އިމާރާތުގައި މިހާދިސާ ހިނގާފައި ވަނީ މިއަދު 6:15 ހާއިރު އެވެ.

ދިހަ ބުރީގެ އެ އިމާރާތުގައި މިހާދިސާގެ ސަބަބުން ގެއްލުންވެފައިވަނީ ގްރައުންޑް ފްލޯ އަދި ފަސްޓް ފްލޯ އަށެވެ. އެ ފްލޯތަކުގައި ހުންނަނީ ޝެލްބީންސްގެ ބަދިގެ އާއި ބޭކަރީ އެވެ.

ގޭސް ހޮޅި ފަޅައިގެންދިޔަ ބާރުގަދަ ގޮވުމާއެކު ތިން މީހަކަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާވި 3 މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވި 3 މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 2 ބިދޭސީންނެވެ.

މި ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އެގޮތުން އެތަނުން އެއް ބިދޭސީ މީހެއްގެ ހަށިގަނޑު 30 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ. އޭނާއަކީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށާއި އޭނާއަށް ލިބުނު އަނިޔާތައް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަނިޔާވި 3 މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާއަކީ ކައިރި ގެއެއްގައި ނިދާފައިއޮތް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ފަޔަށް ބިއްލޫރި ގަނޑެއް ވަނީ ހެރިފައެވެ. މި ގޮވުމުގެ ސަބަބުން ކައިރި ގެތަކަށްވެސް ވަނީ އަސަރު ކޮށްފައެވެ.

އަނިޔާވި ދެވަނަ ބިދޭސީ މީހާގެ ފައިގެ ފަލަ މަސްގަނޑަށް ބިއްލޫރިގަނޑެއް ހެރިފައިވާއިރު އޭނާގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިހާދިސާގައި ޝެލްބީންސް ހިންގަމުން ދިޔަ އިމާރާތަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ބާރުގަދަ އަޑުފަށްގަނޑާއެކު ގޮވުމެއް ގޮވާފައިވާއިރު އެ އިމާރާތުގައި ހުރި ބިއްލޫރީ ދޮރުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. ބިއްލޫރިތައް 300 އެއްހާ ފޫޓަށް ބުރައިގެން ގޮސްފައިވާ ކަމަށް މަންޒަރުދުށް ބައެއް ފަރާތްތައް ބުނެއެވެ.

އެމްއެންޑީއެފް އިން ވަނީ ހާދިސާގެ ޚާބަރު ލިބުމާއެކު އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވާން ފަށާފައެވެ. މިހާތަނަށް ބެލިބެލުމުން ތަނުގެ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އން ބުނެއެވެ. އިތުރަށް ކަންތައް ހިންގާދިޔަ ގޮތް ބައްލަވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.