މިޓްސުބުޝީ ގޯދިއްޔާ ފުޓްސަލް ކަޕް 2018 ގެ ކުއާޓާ ފައިނަލްގެ މެޗުތައް ރޭގައި ކުރިއަށް ގޮސްފައިވާ އިރު ފުރަތަމަ ދެ މެޗު އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި އަދި ޔުނައިޓެޑް ފްރެންޑްސް ކާމިޔާބުކޮށްފި އެވެ.
ރޭގެ ފުރަތަމަ މެޗުގައި އެފްސީ ބޭރުމަތި އަދި ފްރެންޑްސް ކުލަބް ބައްދަލުކޮށް، ބޭރުމަތި މެޗު ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗްގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔަބު ކުރެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެން ދިޔަ ނަމަވެސް ދެޓީމުން ވެސް ވަނީ ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސް ކުރުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޑިފެންސަށް ވިސްނައިގެން ދެޓީމު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މިހާފުގައި ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ބޭރުމަތި ޓީމުން ކުޅުން ރަނގަޅުކޮށް ފްރެންޑްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތައް އުފައްދާފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން ބޭރުމަތި ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހް ފޮނުވާލި ބާރު ބޯޅަ ފްރެންޑްސް ކުލަބުގެ ގޯލު ކީޕަރަށް މަތަނުކުރެވި ގޯލުގެ ތެރެއަށް ވަދެގެން ބޭރުމަތި ލީޑު ނެގިއެވެ.
ދެވަނަ ގޯލު ބޭރުމަތިން ޖަހާފައިވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ފަސް ފައުލް ހަމަވުމުން ބޭރުމަތި ޓީމަށް ލިބުނު ޕެނަލްޓީއަކުން އިބްރާހިމް އާސިފް(ޓޮނާ) އެވެ.
ރޭގެ ދެވަނަ މެޗުގައި ޔުނައިޓެޑް ފްރެންޑްސްއާއި ޒެލޯން ބައްދަލުކޮށް ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ނިމިގެން ދިޔައީ 4-5 އިން ޔުނައިޓެޑް ފްރެންޑްސް މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ގޯލެއް ފެނިގެން ގޮސްފައިވާއިރު އެ ލަނޑު ޖަހާފައިވަނީ ޒެލޯން އިންނެވެ.
ނަމަވެސް ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިހާފުގައި ޔުނައިޓެޑް ފްރެންޑްސް އިން ވަނީ ފަސް ލަނޑު ޖަހާފައެވެ. މަރަދޫއަށް ނިސްބަތްވާ ޒެލޯން އިން ވެސް މި ހާފުގައި އިތުރު ތިން ލަނޑު ޖެހި ނަމަވެސް ޔުނައިޓެޑް ފްރެންޑްސްގެ ވަރުގަދަ އެޓޭކު ބަލިކުރުމުގައި ކުރި ހޯދިފައެއް ނުވެއެވެ.
މިމެޗުގައި ޔުނައިޓެޑް ފްރެންޑްސްގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ އެޓީމުގެ އަބްދުﷲ އިމްރާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ. ދެން އެޓީމަށް ލަނޑު ޖަހާފައިވަނީ އަހުމަދު އިބްރާހިމް އަދި އަހުމަދު މުއާޒުއެވެ.
ޒެލޯންގެ ލަނޑުތައް ޖަހާފައިވަނީ އަބްދުﷲ ވާޒިއު، ހަސަން އަތޫފް އަދި ހަސަން ޝިއުސެވެ. ވާޒިއު ވަނީ ރޭގެ މެޗުގައި ޒެލޯންއަށް ދެ ލަނޑު ޖަހާދީފައެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުގެ އިތުރު ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލޮނަ އެފްސީ އަދި އެފްސީ ސްކޫޕް ކަންމަތިއެވެ. މިމެޗު ފެށޭނީ މިރޭ 21:30 ގައެވެ.
ދެވަނަ މެޗުގައި ކުލަބު ވީއެޗް އަދި އެފްސީ އަފިރިންގެ ކުރިމަތިލުމެއް ފެނިގެންދާނެ އިރު މިމެޗު ފެށޭނީ 22:30 ގައެވެ.