އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބުވުމަކީ ރައީސް ޢަބްދުﷲ ޔާމީނަށް ތައުރީފް ކުރަންޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.
އެއީ އެކަމަށް އެކަމަށް ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރުމަކީ ރައީސް ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެންދިޔަ ކަމެއް ކަމަށް އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ގޮނޑި ކާމިޔާބު ނުކުރެވުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ކުރިޔަށް ދާން ލިބުނު ހިތްވަރެއް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
UN ge security council ge gon’di akah Dhvehi Raajje’in vaadha kurumakee RY Gaumaa medhu dheke vadaigannavaa huvafen fulhu haamavegen dhiya kameh. Gon’di kaamiyaabu nuvumakee hajoo jahanjehey kameh noon. E’ee RY ah tha’ureef kuranjehey kameh. Adhi kuri’ah dhi’umah libunu hiyvareh.
— Abdul Raheem Abdulla (@Banafsaa) June 8, 2018
ގޮނޑި ހޯދުމުގެ ކެމްޕެއިން ގައި އިސްކޮށް އުޅުއްވި މިނިސްޓަރު މުހައްމަދު ޝައިނީ ވޯޓް ނެގުމުގެ ކުރިން ވިދާޅުވެފައިވަނީ ބޮޑު ތަފާތަކުން އެބޭފުޅުން ވޯޓް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ގޮނޑި ކާމިޔާބު ނުވުމުގެ ސަބަބުން އިދިކޮޅު ގިނަ ފަރާތްތަކެއް ދަނީ މިނިސްޓަރު ޝައިނީގެ އިސްތިއުފާއަށް ވެސް ގޮވަމުން ނެވެ.
ވޯޓަށް ފަހު ޝައިނީ ވަނީ އެކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، ގައުމު ބަލިވި ނަމަވެސް ކާމިޔާބު ހޯދުމަށް ކުރީ ބުރަ މަސައްކަތެއް ކަމުގައެވެ. އެ ޓީމުގައި ހިމެނިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި އެކަމުގައި ދެން އުޅުނު ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ރޭ އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ. ރާއްޖެ ބަލިވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒު ކޮށްފަ އެވެ.