Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

ވޯޓު ނުލިބުމުގައި އޮސްޓްރޭލިއާގެ ނުފޫޒު ބޮޑު: ޝައިނީ

ފިޝަރީޒް މިނިސްޓަރ ޝައިނީ، ފޮޓޯ: ސަން

އދ. ސަލާމަތީ މަޖްލިސްގެ ގޮޑި ނުލިބުމުގައި އޮސްޓްރޭލިއާގެ ނުފޫޒު ވަރަށް ބޮޑުކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސަލާމަތީ މަޖިލީހުގެ ގޮޑި ނާކާމިޔާބުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައިވަނިކޮށް ޝައިނީ ވިދާޅުވީ ރާއްޖެއަށް ގޮޑި ނުލިބުމުގައި ތަފާތު ސަބަބުތަކެއް ކުރިމަތިވިކަމަށެވެ. އެގޮތުން އަމިއްލަ އިދިކޮޅު ކެމްޕެއިންގެ އަސަރު ވަރަށް ބޮޑަށް ވޯޓަށް ކުރިކަމަށެވެ.

ހާއްސަ ގޮތެއްގައި ރާއްޖެއަށް ވޯޓު ނުލިބުމުގައި އޮސްޓްރޭލިއާގެ ދައުރުބޮޑު ކަމަށެވެ. ޝައިނީ ވިދާޅުވީ އޮސްޓްރޭލިޔާ ހެދި ޕެސިފިކް ގައުމުތަކުގެ ވޯޓު ނުލިބުނު ކަމަށެވެ.

މީގެ އިތުރުން އަރަބި ގައުމުތަކުގެ ތާއިދެއްވެސް ރާއްޖެއަށް ލިބޭ ގޮތް ނުވިކަމަށް ޝައިނީ ވިދާޅުވިއެވެ.

ސަލާމަތީ މަޖްލިސްގެ ގޮޑި ރާއްޖެއަށް ލިބޭނެކަމަށާއި، ޔޫރަޕްގެ ގިނަ ގައުމުތަކުގެ ތާއިދު ރާއްޖެއަށް އޮތްކަމަށް ވިދާޅުވެ ޝއިނީ މީގެ ކުރިން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް ވޯޓުގެ ނަތީޖާ ނިމިގެން ދިޔައީ ބޮޑު ތަފާތަކުން ރާއްޖެ ބަލިވެގެންނެވެ. ރާއްޖެއަށް 46 ވޯޓު ލިބުނު އިރު އޮންޑޮނެޝިއާ ގޮޑި ގެންދިޔައީ 144 ވޯޓު ހޯދައިގެންނެވެ.

ގޮޑި ނުލިބުމުން ސަރުކާރުން ދެން ބުނީ ކުދި ގައުމުތަކަށް ޖާގަ ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ކުޑަ ގައުމެއް ކަމަށްވާ ޑޮމެނިކަން ރިޕަބްލިކްއިން ވަނީ 184 ވޯޓާއި އެކު ގޮޑި ކާމިޔާބުކޮށްފައެވެ.