ޔޫތު މިނިސްޓްރީން އަތޮޅުތެރޭ ރަށްރަށުގައި ހިންގަމުންދާ ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓުގެ ހަރަދުތައް ބެލެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ސުކޫލުތަކުން ބަލަހައްޓާ ގޮތަށް ހަމަޖައްސައިފިއެވެ.
ރަށްރަށުގައި ހިންގަމުންދާ ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓްގެ ހަރަދުތައް ބެލެހެއްޓުމަށް ވާލުކޮށްފައިވަނީ އެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ދަށަށް ސަރުކާރުން ބަދަލު ކުރުމާ ގުޅިގެންނެވެ. އެގޮތަށް ނިންމުމާއި ގުޅިގެން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލުތަކުން އެމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ދީފައެވެ.
މިކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ފެކްސް މެސެޖް ފޮނުއްވާފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. ފެކްސް މެސެޖެއްގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ މަރުކަޒުތަކުގެ ބަޖެޓު ބަލަހައްޓާނީ އެރަށެއްގައި ހުންނަ ސަރުކާރު ސުކޫލުގެ ބެލުމުގެ ދަށުންނެވެ. އެއް ސުކޫލަށް ވުރެ ގިނަ ސުކޫލު ހުންނަ ނަމަ ބަޖެޓުގެ މަސައްކަތް ބަލަހައްޓާނެ ސްކޫލެއް އެޑިއުކޭޝަނުން އަންގާނެއެވެ.
ޒުވާނުންގެ މަރުކަޒުން ހިންގާ ޕްރޮގުރާމްތަކަށް ޔޫތް މިނސްޓްރީއިން ސްކޫލަށް ބަޖެޓް ޖަމާ ކުރުމުން، އެފައިސާ ފަންޑު އެކަންޓުގައި ބަހައްޓައިގެން، ޒުވާނުންގެ މަރުކަޒުން ފޮނުވާ ހިދުމަތާއި ތަކެތީގެ ރިކުއެސްޓުތަކާއި އެއްކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއް ގޮތަށް ހަރަދުކޮށް، އެފަދަ ހިދުމަތްތަކާއި ތަކެތި މަރުކަޒަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
ޒުވާނުންގެ މަރުކަޒުގެ ބަޖެޓަށް ޖަމާކުރާ ފައިސާގެ ރެކޯޑުތައް ވަކިން ބަލަހައްޓައި، މަހުން މަހަށް ހަރަދު ރިޕޯޓުތައް ތައްޔާރުކޮށް އޭގެ އަސްލާއި ކޮޕީއެއް ޖެހިގެން އަންނަ މަހުގެ ރަސްމީ ހަތް ދުވަހުގެ ނިޔަލަށް ޔޫތު މިނިސްޓްރީއަށް ފޮނުވަން ޖެހޭނެއެވެ. އަދި އޭގެ ކޮޕީއެއް އެޑިއުކޭޝަނަށް ވެސް ފޮނުވަން ޖެހޭނެއެވެ.
މިކަމާގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް ވިދާޅުވެފައެއް އަދި ނުވެއެވެ.