Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ގޮނޑި ނުލިބުނީ ދުނިޔެއާ ގުޅުން ކެނޑުމުން: އެމްޑީޕީ

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖޭން ކުރި މަސައްކަތް ނާކާމިޔާބުވީ ބައިނަލްއަގުވާމީ ދުނިޔެ އާއި ރާއްޖޭގެ ގުޅުންތައް ކެނޑިފައިވާތީ ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އިއްޔެ އދ ގައި ނެގި ވޯޓަކީ އެވޯޓް ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަމަށް ސަރުކާރުން ވަރަށް އުއްމީދު ކުރި ވޯޓެކެވެ. ވޯޓަށް ދިޔުމުގެ ކުރިންވެސް ސަރުކާރުގެ ފަރާތުން އެކަމުގައި އިސްކޮށް އުޅުއްވި މިނިސްޓަރު ޝައިނީ ވިދާޅުވެފައިވަނީ ބޮޑު ތަފާތަކުން ރާއްޖެއަށް އެ ވޯޓް ކާމިޔާބު ވާނެ ކަމަށެވެ.

ނަމަވެސް މަންޒަރު ވަނީ ބަދަލުވެފައެވެ. އިއްޔެ އދ.ގެ އާންމު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އިންޑޮނީޝިއާއާ ވާދަކޮށްގެން ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ. 190 ގައުމުގެ ތެރެއިން އެންމެ 46 ގައުމެއްގެ ވޯޓު ރާއްޖެއަށް ލިބުމަކީ ބޭރު ގައުމުތަކުން ރާއްޖެއާއިމެދު ދެކޭގޮތް ބަދަލުވަމުންދާ ކަމުގެ ހެއްކެކެވެ. ދެން އެ ގޮނޑިއަށް ވާދަ ކުރި އިންޑޮނޭޝިޔާއިން ވަނީ 144 ގައުމުގެ ވޯޓާއެކު އެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

މި ވޯޓުން ރާއްޖެއަށް ނާކާމިޔާބު ލިބުމުން އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެ ގޮނޑި ރާއްޖެއަށް ނުލިބުނީ ސަރުކާރު ދޯހަޅިވުމުން ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އަންނަނީ އިންޑިއާ ކަނޑުގެ ހަމަނުޖެހުން ނަގާލުމުގެ އަމަލުތައް ހިންގުމާއި އދ.ގެ މުއާހަދާތަކާއި ގަރާރުތަކަށް ސަރުކާރުން ބޯނުލަނބައި، ބައިނަލްއަގްވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުން ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ އިތުރުން، ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް، އދ.ގެ ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކަށް އިހުތިރާމް ނުކުރާއި ދިވެހިންގެ އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުން ދިއުމަކީ ވެސް ނާކާމިޔާބީއާ ކުރިމަތިވި ސަބަބެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ އެކި ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރޭ ކުރެއްވި ޓްވީޓެއްގައި އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބުވުމަކީ ރައީސް ޢަބްދުﷲ ޔާމީނަށް ތައުރީފް ކުރަންޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވަނީ ވިދާޅުވެފައެވެ.