އައްޑޫގެ އުއްމީދީ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ޙަސަން (16 އަހަރު) 200 މީޓަރު ދުވުމުގެ ގައުމީ ޔޫތް ރެކޯޑް ވެސް މުގުރާލައިފި އެވެ.
ޖަޕާނުގައި ކުރިޔަށްދާ އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާ ވަނީ 400 މީޓަރުގެ ވެސް ގައުމީ ޔޫތް ރެކޯޑް މުގުރާލާފައެވެ.
މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން ދުވެގެން ހިމްނާ ހެދި 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް އޭނާ މިއަދު ވަނީ އާކޮށްފައެވެ. އަންހެނުންގެ 200 މީޓަރު ދުވުމުގެ ފުރަަތަމަ ބުރުގެ ދެ ވަނަ ހީޓުގައި ދުވެ އޭނާ ރެކޯޑް ހެދީ 26.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭނާ މިދިޔަ ބުރާސްފަތި ދުވަހު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލީ 59.76 ސިކުންތުން ދުވެގެންނެވެ. ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރު ނިއު ދިއްލީގައި އޮތް ކޮމަންވެލްތު ގޭމްސްގައި 1 މިނެޓު 00.33 ސިކުންތުން ދުވި މިރުފަތު އަހުމަދު އަތުގަ އެވެ.
އައްޑޫ ހައި ސްކޫލްގައި ކިޔަވަމުންދާ އައިޝަތު ހިމްނާ ޙަސަން އަކީ އައްޑޫ ސިޓީގައި އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ޕޫލުގެ ދުވުންތެރިއެކެވެ. އޭނާގެ ކޯޗަކީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ ދުވުންތެރިޔާ ސުލްތާން ސައީދެވެ.
ހިމްނާ ވަނީ ފާއިތުވީ އަހަރު އަދި މި އަހަރުވެސް މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގައި ބައިވެރިވެ 2 އަހަރު ވެސް މި އިވެންޓްތަކުން ރަން މެޑަލް ހޯދާފައެވެ. އަދި މީގެ އިތުރުން އުމުރުފުރާ އިން އެންމެ މޮޅު އަންހެން އެތްލީޓް އަދި މުޅި މުބާރާތުން އެއްވަނަ އަންހެން އެތްލީޓްގެ މަޤާމް ދެފަހަރުވެސް ވަނީ ޙާސިލްކޮށްފައެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ހިމްނާ އަކީ މި ސިޓީގެ އެންމެހާ ރައްޔިތުން އެ ދަރިޔަކަށްޓަކައި ފަޚުރުވެރިވާނެ ދަރިއެއްކަން ޔަގީނެވެ. އައްޑޫ ލައިވްގެ ފަރާތުން ހިމްނާގެ މި ކާމިޔާބީއަށް މަރުޙަބާ ކިޔަމެވެ. އަދި އިތުރު ކާމިޔާބަށް އެދެމެވެ.