Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

2 އަހަރުގެ ކުއްޖަކު މަރާލައިފި

އިންޑިއާގެ އަވަށެއް ކަމަށްވާ ނޮއިޑާ ގައި 2 އަހަރުގެ އަންހެން ކުއްޖަކު ވަރަށް އިހާނެތިކޮށް މަރާލާފައި ފައްޅިއެއްގެ ކައިރި ވަލުތެރޭގައި އޮއްވާ ފެނިއްޖެއެވެ.

މިއަންހެން ކުއްޖާ މެރި ކަމަށް ތުހުމަތު ކުރެވުނު 12 އަހަރުގެ ފިރިހެން ކުއްޖަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ގެއްލިގެން އުޅޭތާ 14 ގަޑި ފަހުން ބުދަ ދުވަހު ހެނދުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހައްޔަރު ކުރެވުނު ފިރިހެން ކުއްޖާ އާއި ސުވާލު ކުރުމުން އޭނާ އެކުއްޖާއާއި ދޭތެރޭ ކަންތައް ކުރި ގޮތް ކިޔާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަވަށްޓެރި ގެއެއްގެ ދޮރުމަތީގައި ކުޅެން ހުއްޓާ އެއަންހެން ކުއްޖާ ގޮވައިގެން ފައްޅިއެއްގެ ކައިރީ ވަލުތެރެއަށް ކުއްޖާ ގެންދިޔަކަމަށް އެ ފިރިހެން ކުއްޖާ ވަނީ ބުނެފައެވެ. އެކުއްޖާ ގޮވައިގެން ދިޔަ މަންޒަރު ސީސީޓީވީ ކެމެރާއަކުން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަންހެން ކުއްޖާ ވަލުތެރެއަށް ގެންދިޔުމަށްފަހު ޖިންސީ ހާނިއްކަ ކުރުމަށް މަސައްކަތް ކުރި ކަމަށް އެއްބަސް ވެފައިވެއެވެ. އެ އަމަލު ހިންގަން އުޅުމުން އަންހެން ކުއްޖާ ރޮއި ހަޅޭއްލެވުމުގެ ސަބަބުން މީހުން އެތަނަށް އަޑުއިވިގެން ގޮސްދާނެތީ ކުއްޖާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްގެން އެކުއްޖާ މަރާލާފައިވާ ކަމަށް ހައްޔަރު ކުރެވުނު ފިރިހެން ކުއްޖާ ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނު އިރު މޫނާއި ކަރުގައި އަދި ބުރަކަށީގައި ޒަޚަމްތައް ފެންނަން ހުއްޓެވެ. އެކުއްޖާގެ އެއް ލޮލަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވެއެވެ. ބެލެވޭ ގޮތުގައި ބޮޑު ގަލަކުން އެކުއްޖާގެ މޫނަށް ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރެވުނު 12 އަހަރުގެ ފިރިހެން ކުއްޖާއަކީ ފޯނުން ބަދުއަޚުލާޤީ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވަރަށް ގިނައިން ބަލާ ކުއްޖެއް ކަމަށް ވެއެވެ. މެޑިކަލް ރިޕޯޓްތަކުން ޖިންސީ ހާނިއްކައެއް ވެފައިވާ ކަމަކަށް އަދި ދައްކާފައެއް ނުވެއެވެ.

މައްސަލަ ރެޖިސްޓަރ ކުރެވި ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލު ކުރެވި ތަޙުޤީޤު ކުރިޔަށްދާ ކަމުގައި ބިސްރަކް ޕޮލިސް ސްޓޭޝަންގެ އެސްއެޗްއޯ އަކިލޭޝް ތްރިޕާތީ ވަނީ ބުނެފައެވެ.