Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ދީނީ މިނިވަންކަމަށް ގޮވާލާ ޖަމިއްޔާއަކާ ޕީޕީއެމް ގުޅިއްޖެ

* އިޒްރޭލުގެ ލިކޫޑް މޫވްމަންޓު ވެސް ހިމެނޭ
* ސީރިޔާއަށް ބޮން އެޅުމަށް ޖަމާޢާތުގެ އިސްވެރިން ތާޢީދުކުރޭ
* އިޒްރޭލުގެ ޖަަރީމާތަކަށް އަމާޒުވާ ފާޑުކިޔުންތައް ދިފާއުކުރޭ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ތެރޭގައިި ދީނީ މިނިވަންކަން ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ އެވެ.

ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ ޖަމާއަތެއް ކަމުގައިވާ އޭސީއާރްސީގެ މެންބަރުކަން ޕީޕީއެމްއަށް ލިބުނުކަން ހާމަކޮށްފައި ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލެވެ.

ޚަލީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުން އެ ޖަމާއަތުގެ މެމްބަރު ކަން ޕީޕީއެމަށް ވަނީ ރަސްމީކޮށް ލިބިފަ އެވެ.

ޕީޕީއެމުން އޭސީއާރްއީގެ މެންބަރުކަން ހޯދިއިރު ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް މޫވްމަންޓް އަކީ ވެސް އެ ޖަމިއްޔާގެ މެންބަރެކެވެ. އަދި އޭސީއާރްއީގެ ފަރާތުން ވަނީ ބަހްރޭންގައި ވެސް 2017 ވަނަ އަހަރު ދީނީ މިނިވަންކަމަށް ގޮވާލާ ޚާއްސަ ސަމިޓެއް ވެސް ބާއްވާފައެވެ.

ރާއްޖެއިން އޭސީއާރްއީގެ މެންބަރުކަން ހޯދި ނަމަވެސް އެ ޖަމިއްޔާގައި ދެކުނު އޭޝިޔާގެ އެއްވެސް ޤައުމެއް ނުހިމެނެއެވެ.

އޭސީއާރްއީގެ ރައީސަކީ ޗެކްރިޕަބްލިކްގެ އޯޑީއެސް ޕާޓީގެ ޔާން ޒަހްރާދިލް އެވެ. އޭނާ އަކީ އަބަދުވެސް އިޒްރޭލްގެ ސިޔާސަތުތައް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

އެގޮތުން އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޢުދުވާންތަކަކީ ނާޒީން ޖަރުމަނުގައި ހިންގި ފަދަ ޢަމަލުތަކެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވުމުން އޭސީއާރްއީ ޖަމިއްޔާގެ ރައީސް ޒަހްރާދިލް ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެފަހަރު އޭނާ ވިދާޅުވެފައި ވަނީ އުރުދުޣާން ވާހަކަތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭސީއާރްއީގެ އުސޫލުތަކާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އޭސީއާރްއީ ޖަމިއްޔާގެ ކޯ ޗެއަރމަން ސައީދް ކަމަލް ވަނީ ސީރިޔާއަށް އެމެރިކާގެ ކޯލިޝަނުން ބޮން އެޅުން ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. ސައީދް ކަމަލް ބުނެފައިވާ ގޮތުގައި ސީރިޔާއަށް ބޮން އެޅުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ.

އޭސީއާރްއީގެ ކޯ ޗެއާމަން ސީރިއާ އަށް ބޮން އެޅުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ޚަބަރު.(އޭސީއާރްއީ ވެބްސައިޓް)

2009 ގައި އެކުލަވާލި އޭސީއާރް އައި ޖަމާއަތް ޔޫރަޕިއަން ޕާލިމެންޓުން ބަލައިގަނެފައި ވަނީ 2010 ވަނަ އަހަރުއެވެ.

ރާއްޖޭގައި ވެރިކަން ކުރާ ޕީޕީއެމް އިން އޭސީއާރްއީ އާއި ގުޅިފައިވާ އިރު އެކަމާއި ބެހޭ އިތުރު ތަފްސީލެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ ޕީޕީއެމުން އޭސީއާރްއީ އާއި ގުޅުނީ ރާއްޖޭގައި ދީނީ މިނިވަންކަން ޕްރޮމޯޓް ކުރުމަށް އެހީތެރިކަން ހޯދުމަށް ކަމެއް ނުވަތަ އެހެން ބޭނުމެއްގައި ކަމެއް ނޭނގެއެވެ.