ދުނިޔޭގެ އެންމެ ބޮޑު މުސްލިމު ގައުމާއި ވާދަކޮށް 46 ވޯޓު ލިބުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.
"ވަގުތު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ މިފަދަ ބޮޑު ކަމަކަށް މީގެ ކުރިން ރާއްޖެ ކުރިމަތިލާފައި ނުވަނީ ވޯޓު ލިބޭނެކަމުގެ ޔަގީންކަން ނެތުމުން ކަމަށާއި، އިންޑޮނޭޝިއާ އާއި ވާދަކޮށް 46 ވޯޓު ލިބުމަކީ ބޭރު ދުނިޔޭގައި ރާއްޖެ ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
އަޒްލީނު ވިދާޅުވީ ރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު ކަމެއް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރަން މަސައްކަތްކޮށް ހޯދި ނަތީޖާއަކީ ފަހުރުވެރިވާ ވަރުގެ ނަތީޖާއެއްކަމަށެވެ. އަދި މިކަމުން އެނގެނީ އެމަނިކުފާންގެ ދުރު ވިސްނުންފުޅާއި، ޖިއޯޕޮލިޓިކްސް އާއި އިންޓަނޭޝަނަލް ޑިޕޮލޮމަސީ ބައިނަލް އަގްވާމީ ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
ސަލާމަތީ މަޖްލިސްގެ ގޮޑި ރާއްޖެއަށް ނުލިބުމުން އެކަމަށް ހަޖޫ ޖަހަނީ ގައުމަށް ޢައްދާރުވެފައިވާ މީހުން ކަމަށެވެ.
ރޭ އދ. ބޭއްވި ސަލާމަތީ މަޖްލިސްގެ ވޯޓުގެ ކުރިން ސަރުކާރުން ބުނެފައިވަނީ ގޮޑި ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ލިބިފައިވަނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 46 ވޯޓެވެ. އިންޑޮނޭޝިއާ ގޮޑި ކާމިޔާބު ކުރީ 144 ވޯޓުންނެވެ.