Last Updated: July 12, 17:43
Saturday, July 12, 2025
ޚަބަރު

މައްސަލައެއް ނެތް، ސާފު ކެންޑިޑޭޓެއް ނެރޭ: ގާސިމް

ކުރިއަށްއޮތް ސެޕްޓެމްޓެމްބަރު ބާއްވާ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ގާސިމް މިހެން ވިދާޅުވި އިރު، ކެންޑިޑޭޓެއްގެ މައްސަލާގައި ޖޭޕީ އާއި އެމްޑީޕީއާ ދެމެދު ވަނީ ހިޔާލު ތަފާވުންތައް އުފެދިފަ އެވެ.

އެމްޑީޕީން ވަނީ ކެންޑިޑޭޓަކީ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕްރައިމަރީއަކުން ނިންމައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ.

ޖޭޕީން ބުނާ ގޮތުގައި ކެންޑިޑޭޓަކަށް ވާން ޖެހެނީ ޖަލު ހުކުމެއް އިއްވާފައި ހުރި ގާސިމެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނަޝީދާއި ގާސިމް މި ވަގުތު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައި ކަމެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދުގެ ހާލަތުން އެއްވެސް ރިސްކެއް އޮތް ޕެއާއެއް ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޤަބޫލު ކުރެވޭކަމެއް ނޫން ކަމަށެވެ.

"މިހެން މި ދަންނަވަނީ އަޅުގަނޑުމެންނަށް ވެސް ލިބިފައި ހުރި މައުލޫމާތުތައް ދިރާސާކޮށްފައި އަޅުގަނޑުމެންމެންގެ ސަލާމަތާ ރައްކާތެރިކަމާ ރައްޔިތުންގެ ކާމިޔާބަށްޓަކައި. ޕީޖީ އޮފީހުގައި ފައިލް ކުރެވުނު ބައެއް ބޭފުޅުންގެ މައްސަލަތައް އަލުން ކޯޓަށް ފޮނުވުނުކަން ވެސް ތިޔަ ހުރިހާ ބޭފުޅުން ހެކިވާނެ." އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގަި ޕާޓީއެއްގެ ކެންޑިޑޭޓަކާއެކު ވެސް އަދި އަމިއްލަ ކެންޑިޑޭޓެއްގެ ކެންޑިޑެސީއާ އެކު ވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން ހުންނެވީ ތައްޔާރަށެވެ.

"މިއަދު ގުޅިފައިވާ ޕާޓީތަކުން އެކުގައި ތިބި ތިބުމުގައި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާ ކަންކަން ވަކި ޕާޓީއަކުން ނުވަތަ ވަކި ބޭފުޅަކު ހާމަ ކުރާކަމީ ރައްޔިތުންގެ ކުރިމަތީގައި މުޅި ކޯލިޝަން އޭގެ ނަމުގައި އެޅޭފަދަ ކަންކަން. މިސާލަކަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ ވާހަކަ، ދެ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަ، ބޭރު ބައެއްގެ އެހީގައި ވެރިކަން ބަދަލު ކުރަން އުޅުމުގެ ޚިޔާލާތަކީ ޖުމްހޫރީ ޕާޓީ ދުވަހަކުވެސް އެއްބަސްވާނެ އަދި ޚިޔާލުކޮށް މަޝްވަރާ ކުރާނެ ކަންތައްތަކެއް ވެސް ނޫން،" ގާސިމް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި ހުޅުވައިލަން އިލެކޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.