މިދިޔަ މަހު މޯލްޑިވްސް އިންލެންޑު ރެވެނިއު (މީރާ) މެދުވެރިކޮށް ދައުލަތަށް 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މީރާއިން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެއިދާރާއަށް ލިބުނު އާމްދަނީ އަކީ މިދިޔަ މަހު ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށް ވުރެ %10.6 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރު މޭއި މަހު ލިބުނު އާމްދަނީއަށް ވުރެ ހަތަރު ޕަސެންޓު ދަށް އަދަދެކެވެ.
މީރާއަށް މިދިޔަ މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނީވެސް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި %58.2 ޢާމްދަނީއެއް ލިބިފައިވާއިރު %15.4 ޙިއްސާކުރަނީ އެހެނިހެން ގޮތްގޮތުން މީރާއަށް ލިބިފައިވާ ޢާމްދަނީއަށެވެ.
މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްހުގެ ގޮތުގައި %9.4 ލިބިފައިވާއިރު %6.1 ޙިއްސާކުރަނީ ގްރީން ޓެކުހަށެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ %5.5 ޙިއްސާވާއިރު އެއަރޕޯޓް ސަރވިސް ޗާރޖްގެ ގޮތުގައި %5.5 ޙިއްސާވެއެވެ.
މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 589 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 38.22 މިލިއަން ޑޮލަރެވެ.
މިދިޔަ މަހު މީރާއަށް ލިބުނު ޢާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވިއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނި ވެސް މީރާ މެދުވެރިކޮށް 4.99 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.