ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އޭނާގެ ޤާނޫނީ ވަކީލާއި ބައްދަލު ނުކުރެވޭތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން އިއްޔެ ބައްދަލު ކުރެވިއްޖެ ކަން އޭނާގެ ޤާނޫނީ ވަކީލުން ކަށަވަރު ކޮށްދީފިއެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު އަދީބާއި ބައްދަލު ކޮށްފައިވަނީ ވަނީ އިއްޔެ ދޫނިދޫއަށް ވަޑައިގެންނެވެ.
މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަދީބުގެ މައްޗަށް ކުރާ ދައުވާގެ 10 މައްސަލައެއްގެ އަޑުއެހުން ކޯޓުގައި ތާވަލް ކުރެވުނެއެވެ. އެހެން ނަމަވެސް އަދީބުގެ ވަކީލު މޫސާ ސިރާޖު އޭނާއަށް އަދީބުއާއި ބައްދަލު ނުވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވުމުގެ ސަބަބުން އެ އަޑުއެހުންތައް އެދުވަހު ވަނީ ފަސްކޮށްފައެވެ.
ގާޒީ އާދަމް އާރިފް ވަނީ ވަކީލަށް އަދީބާއި ބައްދަލު ކުރެވޭނެ ގޮތް ހެއްދެވުމަށް ސިޓީއަކުން މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ދަންނަވާނެ ކަމަށް އެދުވަހު ވިދާޅުވެފައެވެ. އެ މައްސަލައަށް ތައްޔާރުވުމަށް އިތުރު 10 ދުވަސް ދިނުމަށް ނިންމަވާ ކަމަށްވެސް ވިދާޅުވިއެވެ. އެ 10 ދުވަސް ތެރޭގައި މަދުވެގެން 2 ބައްދަލުވުން ބޭއްވޭނެ ކަމަށް ވެސް ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ ކުރިޔަށް ގެންދެވޭނީ މަދުވެގެން 2 ބައްދަލުވުން ބޭއްވުނީމަ ކަމަށް ވެސް ވިދާޅުވިއެވެ.
އަދީބުގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަދީބަށް ޤާނޫނީ ވަކީލުގެ ބައްދަލުވުން ފުލުހުން ހަމަޖައްސައި ނުދެނީ ގަސްދުގައި އަދީބާއި މެދު ތަފާތުކުރުން ގެންގުޅުމުގެ ގޮތުންނެވެ.
އަދީބުގެ މައްޗަށް ކުރާ ގިނަ ދަޢުވާތަކެއް ހުށަހެޅިފައިވާއިރު މިހާރު ވެސް އޭނާއަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.