އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގި ގަތުލުއާންމުގެ މައްސަލާގައި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އަރަބި ލީގާއި، އިސްލާމީ ޤައުމުތައް ހިމެނޭ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ އޯއައިސީގެ އިސްނެންގެވުމުގެ މަތިން ބާއްވާ މި ބައްދަލުވުމުގައި ޣައްޒާ މައްސަލާގައި އަރަބި ގައުމުތަކުން ހުށަހަޅާފައިވާ ގަރާރަކަށް ވޯޓަށް އެހޭނެއެވެ.
މިވަގުތު އދގެ އާންމު މަޖިލީހަށް ހުށަހެޅިފައިވާ މިގަރާރަކީ، އދގެ ސަލާމަތީ މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާއަށް އަރަބި ގައުމުތަކުގެ ފަރާތުން ކުވައިތު ހުށަހެޅި ގަރާރާ އެއްގޮތް ގަރާރެކެވެ.ނަމަވެސް މިދިޔަ ހަފްތާގައި އދ ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓޯގެ ބޭނުންކޮށް ނާކާމިޔާބު ކޮށްލާފައެވެ.
މިދިޔަ ހަފްތާގައި ކުވައިތުން ހުށަހެޅި ގަރާރުގައި، އިސްރާއީލު ކުށްވެރި ކުރުމުގެ އިތުރުން، އިސްރާއީލުގެ އުދުވާނުތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ. މި ގަރާރު ހުށައެޅިނަމަވެސް އދގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ އެއަށް އަމަލުކުރުން މަޖުބޫރު ގަރާރުތަކެއްނޫނެވެ.
މި އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 140 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
ކުށެއްނެތް އެތައް ރައްޔިތުންނަކަށް ދަނީ ހަމަލާ ދެމުންނެވެ. އަންހެނެއް ކުޑަކުއްޖަކަށް ބެލުމެއްނެތިއެވެ. ދާދި ފަހުން ފެނިގެން ދިޔައީ ހަމަލާތަކުގައި ޒަޚަމްވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ދިޔަ ނަރުހެއް ކަމަށްވާ ރަޒާން އަޝްރަފް ނައްޖާރު އަތް މައްޗަށް ނަގައިގެން ދުވެދުވެ ހުއްޓާ އޭނާގެ މެޗަށް ބަޑީގެ ވަޒަން އަމާޒު ކުރި މަންޒަރެވެ. އުމުރުން 21 އަހަރުގެ ރަޒާންގެ މަރަށްފަހު ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އިޒްރޭލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ވަނީ ގިނަވެފައެވެ.
ކޮންމެ ރަމަޟާން މަހެއްވެސް ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ހޭދަކުރަން ޖެހިފައިވަނީ މިކަހަލަ ގޮތަކަށެވެ.