އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ސްޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި އިސްކޮށް ބައިވެރިވި ސިފައިންގެ އިސް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ކޯސްޓުގާޑުގައި މަސައްކަތް ކުރަމުން ގެންދިޔަ އަބްދުލް މުހުސިން މުހައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އޭނާއަކީ މޭޖަރެއްގެ މަޤާމު އަދާކުރަމުންދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ސިފައިންގެ ވަޒީފާއިން ވަކި ކުރުމުގެ ކުރިން އޭނާވަނީ މޭޖަރ ރޭންކުން ކެޕްޓަން ރޭންކަށް ޑިމޯޓު ވެސް ކޮށްފައެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން މުހުސިން އެމްއެންޑީއެފްގެ ތެރޭގައި ބަންދު ކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކުރިން ސްޕެޝަލް ފޯސްގައި ވެސް މަސައްކަތްކޮށްފައިވާ މުހުސިން ވަޒީފާއިން ވަކި ކުރި އިރު އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ ލ އަތޮޅުގައި ހުންނަ ސިފައިންގެ ކޮމާންޑުގައެވެ.
މުހުސިން ސިފައިންގެ ވަޒީފާއިން ވަކި ކުރި ނަމަވެސް އޭނާ ވަކި ކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަން އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ.