Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ބްރިޖަށް ދާ މަގު ހެދުމުގައި ގައިދީން

ފޮޓޯ: އަވަސް

މާލެ އާއި ހުޅުމާލެ ގުޅުވާލާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށް ފެށި މަސައްކަތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީން ނެރެފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ މާލޭގައި ކުރަމުންދާ މަސައްކަތެއްގައި ގައިދީން ބައިވެރި ކުރުވި ފުރަތަމަ ފަހަރެވެ.

ގައިދީން ރީހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ކަރެކްޝަން މީޑިއާ އޮފިޝަލަކު ދިވެހި އޮންލައިން ނޫސް "އަވަސް" އަށް މައުލޫމާތު ދީފައިވާ ކަމަށް އެނޫހުން ރިޕޯޓް ކުރެއެވެ. އެ ޕްރޮގްރާމުގެ ތެރެއިން މާލޭގައި ހިންގައި ތަފާތު މަސައްކަތްތަކުގައި އެ މީހުންގެ ބައިވެރިވުން ހިމަނަން ނިންމާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައިވެއެވެ. އެގޮތުން ބްރިޖަށް ދާ މަގުތައް ހެދުމަށް ވެސް ބައެއް މީހުންތައް ނެރެފައިވާ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ސްޓެލްކޯގެ މަސައްކަތެއްގައި ވެސް ގައިދީން ބައިވެރިކޮށްފައި ވާނެ ކަމަށް އޮފިޝަލް ބުނެފައިވެއެވެ. އެހެން ނެރުމުގެ ބޭނުމަކީ ގައިދީންވެސް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނުކުތުން ކަމަށާއި އެގޮތުން އެމީހުންނަށް ޖަލުގައި ކުރާ މަސައްކަތަށްވުރެ ބޮޑު އުޖޫރައެއް ލިބޭނެ ކަމަށް ވެސް ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވިކަމަށް ރިޕޯޓް ބުނެއެވެ.

ގާތްގަނޑަކަށް 20 އަކަށް ގައިދީން މާލޭގެ މަގުތަކުގައި މަސައްކަތް ކުރަމުން އެބަދެެއެވެ. އެގޮތަށް އެމީހުން މަސައްކަތް ކުރަމުން އަންނަ އިރު އެ މީހުން ބަލަހައްޓަން ކަރެކްޝަންގެ އޮފިސަރުން ވެސް ތިބެ އެވެ. އެ މީހުންނާއެކު ރިންގް ރޯޑުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުއައްޒިފުން ވެސް ހަރަކާތްތެރިވެ އެވެ.

ޖަލުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ގައިދީންނަށްވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް ވެގެންދާނެ ކަން ގައިމެވެ.