Last Updated: July 1, 14:24
Tuesday, July 1, 2025
ޚަބަރު

ޓްރަމްޕާއި ކިމް ސިންގަޕޫރަށް ވަޑައިގެންފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިމް-ޓްރަމްޕް ސަމިޓަށް ދެ ބޭފުޅުން މިއަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ސިންގަޕޫރަށް ފުރަތަމަ ވަޑައިގެންފައިވަނީ ކިމްއެވެ. ކިމް މަޑުކުރެއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ސެއިންޓް ރެޖިސް ހޮޓަލުގައެވެ.

ޓްރަމްޕް މަޑުކުރައްވަނީ ޝަންގްރިއްލާ ހޮޓެލްގައެވެ. ކިމް- ޓްރަމްޕް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ސިންގަޕޫރުގެ ސެންޓޯސާގެ ކަޕޭއްލޯ ހޮޓަލުގައެވެ.

ކިމް ވަނީ މިއަދު ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގާއި އިސްތާނާގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކިމް ވަނީ ސިންގަޕޫރުން ފޯރުކޮށްދިން މެހެމާންދާރީކަމަށް ތައުރީފުކުރައްވާ ލީ އަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި އަންގާރަ ދުވަހުގެ ސަމިޓަކީ ކާމިޔާބު ސަމިޓެއްނަމަ ސިންގަޕޫރުގެ ޚިދުމަތްތަށް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ވެސް ކިމް ވިދާޅުވިއެވެ.

ޓްރަމްޕާއި ލީގެ ބައްދަލުވުމެއްވެސް މާދަމާގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.