ޚަބަރު

ސައިކަލަކުން ވެއްޓުނު މީހަކަށް ސީރިއަސް ޒަޚަމްތަކެއް

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުން ދުއްވާފައި ދަނިކޮށް ސައިކަލުން ވެއްޓުނު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލުން ވެއްޓި އަނިޔާވެފައި މަރަދޫ އަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާ ސައިކަލުން ވެއްޓުނީ މޫނު މައްޗަށް އަނދިރިވެގެން ނެވެ. އޭރު ސައިކަލުގައި ދިޔައީ އޭނާ އެކަންޏެވެ.

ސައިކަލުން ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާއިރު އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނުމަށް ގެންދިޔައީ މަރަދޫ ސިއްޙީ މަރުކަޒަށެވެ.

އެތަނުގައި ފަރުވާ ދިނުމަށް ފަހު މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާގެ ހާލު މިވަގުތަށް ސްޓޭބަލް އެވެ. އެހެން ނަމަވެސް ބޮލަށް އަނިޔާވެފައިވާތީ އިތުރު ޓެސްޓް ތައް ހެދުމަށް މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.