Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކިމް/ޓްރަމްޕް ސަމިޓަށް 20 މިލިއަން ޑޮލަރު ޚަރަދުވޭ

މިއަދު ބާއްވަން ހަމަޖެހިފައިވާ ކިމް-ޓްރަމްޕް ސަމިޓަށް ސިންގަޕޫރުން 20 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެ އެވެ.

އާތީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލީ ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް ތާރީޚީ އަދި ހަމައެހެންމެ ސަރަހައްދުގެ އަމަން އަމާންކަމާއި ގުޅުފައިވާ ބައްދަލުވުމަކަށްވާތީ، މި ބައްދަލުވުން ކޮންމެހެންވެސް ބާއްވަންވާނެ ކަމަށާއި މިބައްދަލުވުމުގެ ޚަރަދުތަކުގައި ހިފުމަކީ ލިބޭ އުފަލެއްކަމަށެވެ.

ލީ އިތުރަށް ވިދާޅުވި ގޮތުގައި މިސަމިޓް ބާއްވަން ތައްޔާރުވުމަށް ލިބުނީ އެންމެ ދެ ހަފުތާ ކަމަށާއި ނަމަވެސް އެކި ފަރާތްތަކުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން މި ސަމިޓްގެ އިންތިޒާމުތަށް ފުރިހަމަ ވާނެ ކަމަށެވެ.

މި ބައްދަލުވުމުގެ ސަލާމަތީ ކަންތައްތަކަށް އެކަނީ 10 މިލިއަން ޑޮލަރު އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ކިމް އެއަޕޯޓުން ހޮޓެލަށް ވަޑައިގެންނެވި އިރު ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކަން ފާހަގަކޮށްލެވެ އެވެ. އަދި ހަމައެހެންމެ މީޑިއާ އަށް 5 މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށާއި އެހެނިހެން ޚަރަދުތަކަށް 5 މިލިއަން ޑޮލަރު އަރާނެ ކަމަށް ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްގައިވެ އެވެ.

މިއީ ތާރީޚުގައި ވެސް އެމެރިކާގެ ރައީސަކާއި އުތުރު ކޮރެއާގެ ވެރިއަކު އެއް މޭޒަކުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.