Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

މި ސަރުކާރަކުން ދީނަށް ފުރައްސާރައެއް ނުކުރޭ: ޒިޔާދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް އިރެއްގައި އިސްލާމް ދީނުގެ ރުކުނެއް ނުވަތަ ޢަސާސެއް އޮޅުވާލުމަށް މަސައްކަތްކޮށްފައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާގިރު ރޭ ވިދާޅުވެއްޖެ އެވެ.

ރޭގެ އިޙުޔާ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން، ވަކިން ޚާއްޞަކޮށް ރައީސް ޔާމީން އިސްލާމް ދީން ޙިމާޔަތްކޮށް ދިރުވުމަށްޓަކައި ނުހަނު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްވެސް އިރެއްގައި އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެ އެވެ. އަދި މި ސަރުކާރުން ދީން ޙިމާޔަތް ކުރުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އިސްލާމް ދީނުގެ ޢަސާސްތަކާއި ރުކުންތައް އެނގޭނީ ދީނުގެ ޢިލްމު އުގެނިގެން ތިބި ބޭފުޅުންނަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރަން ވާނީ އެޢިލްމު ލިބިފައިވާ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ދީނީ ޢިލްމުވެރިން އެބަތިބި ކަމަށާއި އެ ޢިލްމު އެހެން މީހުންނަށް ފޯރުކޮށް ދިނުމުގައި ކަނޑައަޅާފައިވާ އުޞޫލްތަކާއި ހަމަތަކުގެ މަތިން އެ ބޭފުޅުން ކުރައްވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.