Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

ކޮލަމް ވަސްވާސް: ނަޝީދާއި އިބޫ، ވަކި ނުކުރެވޭނެ

ރިޔާސީ އިންތުހާބުގެ ވަގުތު ކުޑަތަންވެފައިވާ އިރު މިހާރު އެންމެ ބޮޑު ބަހުސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ބަހުސެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރައްވައި ޕާޓީން 43،922 ވޯޓުން ޓިކެޓް ހޯއްދެވިއަސް އެމަނިކުފާންގެ މައްޗަށް އިއްވާފައިވާ 13 އަހަރު ޖަލު ހުކުމުން ރިޔާސީ ޝަރުޠު ފުރިހަމަ ނުވެއެވެ. އެމަނިކުފާންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާޠިލްކޮށް ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވެން އޮތީ ހަނި ފުރުސަތެކެވެ.

ކިތަންމެ ހަނި ފުރުސަތެއް، ކިތަންމެ ހަނި ޖާގައެއް އޮތަސް އެދޭތެރެ އަކުން ފަހު ވަގުތު ނަޝީދު ދެމިގަންނަކަމަކީވެސް ހަގީގަތެކެވެ. އެހާވެސް އެމަނިކުފާން ހުށިޔާރުވެފައި ފަރިތައެވެ. ފަހު ވަގުތާއި ހަމައަށްވެސް އުއްމީދު ދޫކޮށް ނުލައްވައެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ސިޔާސީ މަސްރަހުގެ އޮޔާއި ވައި ބަދަލުވީ ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓަކުންނެވެ. މިހާރު އެމްޑީޕީގެ ފިކުރަށް ވަރަށް ގަޔާވާ މަހްލޫފު ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނަމަ ދެވަނަ އޮޕްޝަނަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަމަށެވެ.

މަހްލޫފުގެ އެޓްވީޓު ހިވީ އަލިފާން މަޅިއަކަށް ޕެޓްރޯލް އެޅީ ހެންނެވެ. މުޅި ސިޔާސީ މަސްރަހު ކެކިގެންފިއެވެ. އެމްޑީޕީގެ އެތެރޭން ވެސް އިބޫއަށް ފާޑު އަމާޒުވާން ފެށިއެވެ. ސިޔާސީ އެހެން ފަރާތްތަކުންވެސް އެކަމަށް ވާހަކަ ދައްކަން ފެށިއެވެ. އެންމެފަހުން ސަރުކާރުންވެސް އިބޫއަށް ތާއިދުކޮށް ވާހަކަ ދައްކަން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި ރެނދުލައި، ޕާޓީ ފުނޑުފުނޑު ވެދާނެކަމަށް ބުނަން ފަށައިފިއެވެ. އެއްބަޔަކަށް އިބޫއަކީ އަމިއްލަ އެދުން ބޮޑު މީހަކަށްވެ، މިކަމުގައި އިބޫ ހަނު ހުރުން ގޯސްވެއްޖެއެވެ.

އިބޫ އާއި ނަޝީދު، އަދި އިސްލާހީ ހަރަކާތް

ރައީސް ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ފަރިތަ ނަމުން ނަމަ އިބޫއަކީ ރާއްޖޭގެ އިސްލާހީ ސިޔާސީ ހަރަކާތުގެ އެންމެ ކުރީ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ދެ އެކުވެރިންނެވެ. ފާއިތުވި 25 އަހަރު ސިޔާސީ ކަންކަމުގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅަކީ އިބޫއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ވެލާނާގޭގެ ތަޅު ދަނޑިފަތިއެއް ނަޝީދު ނެންގެވިކަަމަށް ބުނާ މައްސަލައެއްގައި މަޖްލިސްގެ ގޮޑި ގެއްލި ހުކުމަކާއި ކުރިމަތިލިއިރު އެދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތް އެނގޭނީ ނަޝީދު އާއި އިބޫއަށެވެ. ނަޝީދު އެދުވަހު ޖަލަށް ވަޑައިގަތީ އިބޫ ބަހައްޓަވާފައެވެ.

ނަޝީދުގެ ސިޔާސީ ހަޔާތުގައި އިބޫއަށް ވުރެ އިތުބާރު ކުރެވޭ ދެވަނަ ބޭފުޅެއް އެމްޑީޕީގެ އެތެރޭގައި ނެތޭ ބުނުމަކީ ދޮގެއް ނޫނެވެ. ނިންމަވާ ނިންމެވުންތަކާއި ކުރައްވާ ގިނަ ކަންތައްތަކަކީ ނަޝީދު އާއި ދެބޭފުޅުންގެ ނިންމެވުމެވެ.

ރައްުޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގައި އިބޫ ކުރިއަށްދަނީ އެމްޑީޕީގެ ސިޔާސަތު ތަކާއި ވަކިން ހާއްސަކޮށް ނަޝީދުގެ ހުވަފެން ތަކާއިއެކުއެވެ.

ބަޔަކަށް އޮޅުނަސް އިބޫއަށް ނަޝީދު ނޯޅޭނެއެވެ. އަދި ޕާޓީ ބައިބައިކޮށް އަމިއްލަ އެދުން އިސް ނުކުރާނެކަން ގަބޫލް ކުރާ މެމްބަރުންވެސް އެމްޑީޕީގައި ގިނަ އެވެ. އެހެންވެ އިބޫ އާއި ނަޝީދު ޖެހި ޕާޓީ ފުނޑުފުނޑު ވުމުގެ ބަދަލުގައި ޕާޓީގެ އަމާޒު އިބޫ އާއި އެކު މިސްރާބު ހުރީ ޕާލިމެންޓްރީ ނިޒާމަކަށެވެ.

އަންނަ ރިޔާސީ އިންތިހާބް އެމްޑީޕީ އިސްވެ އޮވެ ކާމިޔާބުކޮށް އެޕާޓީން ވިސްނަނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާށެވެ. އޭރުން އިބޫ އަކީ ކޮބައިކަން ފެނިގެންދާނެއެވެ. ނަޝީދު އާއި އިބޫގެ ގުޅުމާއި ސިޔާސަތުތައް ފެނިގެންދާނެއެވެ.