Last Updated: June 13, 06:05
Saturday, June 13, 2026
ރިޕޯޓް

ހައުސިން އިން މިއޮތީ ޔާމީނަށް "ފުރައްސާރަކޮށްފައި"

ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ރައިސް ޔާމީން ގެންދަވަނީ ގައުމު ބިނާ ކުރައްވަން މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާންގެ އިގްތިސާދީ، ތަރައްޤީގެ ދުރުމީން ސިންގަޕޫރާއި ޖަޕާނުގެ މަލަމަތި ބައްލަވައި އެގޮތަށް ރާއްޖެ ތަރައްޤީ ކުރެއްވުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވަނީއެވެ.

ސިޔާސީ ކޯޑިނޭޓަރުންނާއި، ވަޒީރުންގެ ނައިބުން ފެށިގެން، ސަރުކާރު ކުންފުނި ހައްދަވައި އެކި މީހުން މަގާމަށް އައްޔަން ކުރެއްވުމުގެ ހަމައެކަނި ބޭނުމަކީވެސް މިދެންނެވި ތަރައްޤީ އަވަސްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެމަނިކުފާންގެ އެތަސައްވަރު ހާސިލްވޭ ހެއްޔެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ރައީސް ހައުސިން މިނިސްޓްރީގެ އޮފީހެއް ހަދައި އެތަނަށް އެގްޒަކެޓިވް ކޯޑިނޭޓަރެއްގެ ދަށުން ތިން ކޯޑިނޭޓަރުން ލައްވައިގެން އައްޑޫގެ މަގާއި، ބަނދަރާއި، އާއްމު މައިޒާން ބަލަހައްޓައި، ރައްޔިތުންނަށް ދިމާވާ ބިމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތްވަނީ ފަހިކޮށްދީފައެވެ.

ހައުސިން މިނިސްޓްރީގެ އޮފީހެއް ގާއިމްކޮށް 60 އަށް ވުރެ ގިނަ މުވައްޒަފުންދީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރައްވަނީ މި ދެންނެވި ތަރައްޤީ އާއި އެކު ނަމަވެސް ރައްޔިތެއްގެ ފަރާތުން އެމަނިކުފާނަށް ޝުކުރުގެ ބަހެއް ބުނެ، އެމަނިކުފާނަށް ހެޔޮ ބަހެއް ލިބޭތޯއެވެ.

ނަމަވެސް ދައުލަތުގެ ބަޖެޓުން ތިން ހަތަރު ލައްކަ ރުފިޔާ ކޯޑިނޭޓަރުންގެ މުސާރައަށް ހޭދަކުރާއިރު ރައީސް ޔާމީން ބޭނުންފުޅުވާ ތަރައްްޤީ މިދެންނެވި ކޯޑިނޭޓަރުން މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭ ހެއްޔެވެ؟ ނުވަތަ މި ބަޔަކަށް މި ހޭދަކޮށްގެން ރައީސަށް ކުޑަމިނުން ތާއިދެއް ލިބޭ ހެއްޔެވެ. ނުވަތަ ތާއިދެއް ހޯދައިދޭން މަސައްކަތެއް ކުރޭ ހެއްޔެވެ؟

މިއީ ރައީސް އޮފީހުން ބަލަންވީ މައްސަލައެކެވެ. ޑިއުޓީ އަދާނުކޮށް ރައްޔިތުންގެ ފުރައްސާރަ ސަރުކާރަށާއި، ރައީސަށް ކެޑިނޭޅި ދީ ދައުލަތަށް ގެއްލުން ވަމުންދާއިރު މިބޭފުޅުން މަގާމުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

އައްޑޫ ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ވަޅުގަނޑު ހެދި އޭގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކްލީފުތަކުގެ ވާހަކަ މީޑިއާގެ ޒަރީއާތަކުން ރައީސް އާއި ހައުސިން މިނިސްޓްރީ އަދި ކަމާއިބެހޭ ފަރާތްތަކުން ލިބެއެވެ. އެކަން ހައްލު ނުކުރާކަން ނުވަތަ ހައްލު ނުކުރެވޭކަންވެސް އެނގެއެވެ، އެކަމަކުވެސް އަޅާނުލައި ތިބެނީ ރައީސަށް ފުރައްސާރަ ކުރަން ހެއްޔެވެ.

ލިންކު ރޯޑުގައި ވަޅުގަނޑު ހެދި އެކަމުގެ ތަކްލީފު ބޮޑުވެ އެވާހަކަ ރައްޔިތުން ސޯޝަލް މީޑިއާގައި ދައްކަން ފެށުމުން ކުޑަ ސިމެންތި ވަށަލައެއް ގޮސް ވަޅުތަކަށް އަޅާލައެވެ. އެވަރުން މަގު ހެދުނީއެވެ.

ރަށުތެރޭގެ މަގުތައް "އޮށްވަޅު" ތަކަށްވެ އެކަމުގެ ޝަކުވާ ރައްޔިތުން ފެށުމުން ގޮސް ވެލި މަގު ކަހާލައެވެ. އައްޑޫގެ އެންމެ ބޮޑު ސްކޫލް ޝަރަފުއްދީން ސްކޫލާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހުންނަ މަގުން ދުއްވާ އެއްޗަކަށް ދަތުރު ނުކުރެވެއެވެ. ބޮޑެތި ވަޅުގަނޑުތަކެވެ.

ހަގީގަތަކީ އައްޑޫ ހައުސިންގައި މަގު ހަދާނެ ހުރިހާ ވަސީލަތެއް ބަރާބަރަށް ހުރިކަމެވެ. ނެތީ ހަމަ އެންމެ އެއްޗެކެވެ. އެއީ ވެރިންގެ އިހުލާސްތެރިކަމެވެ.

މިވާހަކަ ދެއްކުމުން ކޯޑިނޭޓަރަކު ބުނީ ރައީސަށް ތާއިދު ނެތުމަކީ ތިމަންމެންގެ މައްސަލައެއް ނޫންކަމަށެވެ. ކަންކަން ވާނީ ވާ ވަރަކުން ކަމަށެވެ. އަދި ކިތަންމެ ލިޔުނަސް ތިމަންނާމެން ކުރީމާ ނޫނިއްޔާ އެއްކަމެއްވެސް ނުވާނެކަމަށެވެ.

މިވެރިންގެ ބަހުން ސަރުކާރުގެ އިސްވެރިން އެތިބީ ކައިގެންނެވެ. ބައި އަޅައިގެންނެވެ. ވީއިރު މިއީ މާ ބޮޑު ކަމެއް ހައްޔެވެ؟ އެހެންވެ އެމީހުން އެތިބީ ފިސާރި ރަނގަޅަށް އެމަނިކުފާނަށް ފުރައްސާރަކޮށްގެންނެވެ.

މިވަރުގެ ބަޔަކު ގޮވައިގެން 2018 ގެ ރިޔާސީ އިންތިހާބަށް ރައީސް ނިކުތުމުން އެމަނިކުފާނަށް ލިބޭނީ ރައްޔިތުންގެ ނަފްރަތު ނޫން ކޮންއެއްޗެއް ހެއްޔެވެ؟ ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ކުރެވުނު ކަމެއް ދެއްކޭނެ ހެއްޔެވެ؟