އެމީގެ ކުރިން ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ގެންދެވި މެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ސިންގަޕޫރުގައި ބައްދަލު ކުރައްވައިފި އެވެ.
ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގައި ދެ ބޭފުޅުން ބައްދަލު ކުރައްވައި ސަލާން ކުރައްވައި ހެއްދެވި އެވެ.
މިއީ އެމެރިކާގެ ރައީސަކއި އުތުރު ކޮރެއާގެ ލީޑަރަކު ތާރީޚުގަ އިވެސް މިހާތަނަށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންގެ ކުރިމަތީގައި ސަލާމް ކުރެއްވުމަށް ފަހު ޓްރަމްޕާއި، ކިމް ކުޑައިރުކޮޅަކު އެތަނުގައި ތިއްބެވިއެވެ. އަދި ޓްރަމްޕާއި ކިމް ވެސް ކޮންމެވެސް ވާހަކަފުޅެއް ދެއްކެވިއެވެ. އެކަމަކު އެތަނުގައި އެއްވެސް ތަރުޖަމާނެއް ނެތެވެ.
ސަލާމް ކުރެއްވުމަށްފަހު ޓްރަމްޕާއި، ކިމް ދެން ވެދެވަޑައިގެންނެވީ، ދެ ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓަލުގެ އެތެރެއަށެވެ.
ނޫސްވެރިން ހޮޓަލުގެ އެތެރެއަށް ވަންއިރު ޓްރަމްޕާއި، ކިމް ތިއްބެވީ އިށީނދެވަޑައިގެންނެވެ. އެތަނުގައި ދެ ބޭފުޅުންގެ ތަރުޖަމާނުން ވެސް ތިއްބެވެ.
ނޫސްވެރިންގެ ހާޒިރުގައި ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާގެ ލީޑަރާ އެކު ވަރަށް ރަނގަޅު ގުޅުމެއް އުފެއްދޭނެ ކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ކިމް ވިދާޅުވީ އުތުރު ކޮރެއާ އާއި އެމެރިކާ ސަމިޓާ ހަމައަށް އައީ، ވަރަށް ގިނަ ހުރަސްތަކެއް ގިރާކޮށްފައި ކަމަށެވެ.
ދެ ލީޑަރުން އެކަހެރިން ބާއްވާ މަޝްވަރާތަކުގެ ފަހުން، ދެ ގައުމުގެ މަތީ ފެންވަރުގެ އޮފިޝަލުންނާ އެކު ވެސް މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.