Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

"އެންމެ އަލި ގަދަ ތަރި" ޖޫނިއާއަކީ ނާދިހް

ޓީވީއެމުން ގެނެސް ދިން ޤުރުއާން މުބާރާތް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޖޫނިއާގެ ފަޙްރުވެރި އެއް ވަނަ އަލްޙާފިޒް ނާދިހް ޢަބްދުލްޙަމީދު ހޯދައިފި އެވެ.

ރޭ ބޭއްވި މުބާރާތުގެ ފިނާލޭގައި ދެވަނަ ގެންދިޔައީ މުޙައްމަދު ސާޢީ މުބާރިކެވެ. ތިން ވަނަ ހޯދީ ޢަބްދުﷲ ޙަޔާން ޙަމީޒެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖުނިއާ ބޭއްވީ ރާއްޖޭގެ 4 ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން މުބާރާތަށް ހޮވުނު 12 ބައިވެރިންނާ އެކުގަ އެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޖޫނިއާއަކަށް ނާދިހް ހޮވުނީ ގަދަ 5 ބައިވެރިންގެ ކިޔެވުމަށް ބެއްލެވުމަށް ފަހު ޖަޖުންގެ ޕެނަލުން ދެއްވި މާކްސްއާ އެކު އެވެ.

އޭނާ އަށް ޕީއެސްއެމުން ދިން 300،000ރ. ގެ ފައިސާގެ އިނާމާއި އަލިގަދަ ތަރި ޖޫނިއާގެ ލަޤަބް އަދި އިނާމްތައް ހަވާލުކޮށް ދެއްވީ، ޝަރަފްވެރި މެހެމާން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރެވެ.

މުބާރާތުގެ ދެވަނަ އަށް ހޮވުނު ސާޢީ އަށް ޕީއެސްއެމުން ހުށައެޅީ 150،000ރ. ދިން އިރު ތިންވަނަ ހޯދި ޙަޔާން އަށް ލިބުނީ 50،000ރ. އެވެ.