ޚަބަރު

ނާޒިމްގެ އަދަބު ލުއި ކުރަން ނިންމާފައި ވަނިކޮށް އެކަން ހުއްޓުވައިފި

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އަދަބު ލުއިކޮށްދިނުމުގެ މައްސަލަ ކްލެމެންސީ ބޯޑުގައި ކުރިއަށް ދަނިކޮށް އެ މައްސަލަ ރައީސް އޮފީހުން ހުއްޓުވައިފިއެވެ.

'އައްޑޫލައިވް' އަށް އިތުބާރު ހުރިގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ އަދަބު ލުއިކޮށްދިނުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ކްލެމެންސީ ބޯޑުގެ ބައްދަލުވުން ތާވަލް ކުރި ފަހުން އެ މައްސަލައިގެ ފައިލު ވަނީ ރައީސް އޮފީހަށް ގެންގޮސްފައެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކްލެމެންސީ ބޯޑުން ނިންމާފައި އޮތީ، ކާނަލް ނާޒިމްގެ އަދަބަށް ލުޔެއް ދިނުމަށް ކަމަށެވެ.

"ނާޒިމްގެ މައްސަލައަށް ލުޔެއް ދިނުމަށް އޮތީ ނިންމާފައި. އެކަން ހާމަކުރުމަށް ބައްދަލުވުން ތާވަލް ކުރިފަހުން ރައީސް އޮފީހުން ފައިލް ވަނީ ގެންގޮސްފައި" އޮފިޝަލް ވިދާޅުވިއެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.

ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.