ދުނިޔެ

ރޮހިންގާ ކޭމްޕްތަކަށް ވިއްސާރައިގެ ނުރައްކާ

ވޭތުވެދިޔަ ހަފްތާއިން ފެށިގެން ބަންގްލަދޭޝްގެ ދެކުނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރޮހިންގާގެ ރައްޔިތުން ދިރިއުޅެމުންދާ ޓެންޓްތައް ހަކާކުވެ އެތައް ރެފިއުޖީންގެ ގެދޮރު ނެތިއްޖެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް ބަންގްލަދޭޝްގެ ކޮޒް ބަޒާރަށް ވަނީ 230 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ކޮޒް ބަޒާރަކީ ރޮހިންގާ އިން ބަންގްލަދޭޝަށް ހިޖުރަ ކޮށްފައިވޭ މިލައެނެއްހާ ރެފިއުޖީއިން ދިރިއުޅެމުންދާ ސަރަހައްދެކެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މިސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ އިންޓަރ ސެކްޓަރ ކޯޑިނޭޝަން ގުރޫޕް، އައިއެސްސީޖީ އިންވަނީ ވިއްސާރައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ އިންޒާރު ދީފައެވެ.

އަދި ތޮއްޖެހިފައިވާ ޓެންޓްތަކަކީ ގަދަވަޔާއި ވިއްސާރައަށް އެންމެ އެކަށީގެންވާ ގޮތަށް ހަދާފައިވާ ތަންތަން ނޫންކަމުން ދުރާލާ އެކަމަށް ތައްޔާރުވުމަށް އައިއެސްސީޖީ އިން ވަނީ އިންޒާރު ދީފައެވެ.

އެގޮތުން 28000 އެއްހާ ރެފުއިޖީން ވަނީ އެންމެ ނުރައްކާތެރި ކަމަށް ބެލެވޭ ހިސާބުތަކުން އެހެން ހިސާބުތަކަށް ބަދަލުކޮށް އަދި އެތައްހާސް ޓެންޓްތަކެއްވަނީ އިތުރަށް ވަރުގަދަކޮށް މަރާމާތުކޮށްފައެވެ. އަދި ކޭމްޕްތައް ހުރި ސަރަހައްދުން ފެންގަނޑުތަށް ބޭރު ކުރުމަށްވަނީ ކޯރުތަށް ކޮނެފައެވެ.

ބަންގްލަދޭޝްގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާގޮތުގައި މިމޫސުމުގެ ވިއްސާރަ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރާނެއެވެ. އޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަށް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.