Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ކިތަންމެ ދަތި ކުރިޔަސް ހުއްޓުމެއް ނެތް: އަސްލަމް

ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކިތަންމެ ދަށްޗަކާއި ފިއްތުންތަކެއް ކުރިމަތިވިޔަސް، ކުރަމުންދާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ނަޝީދުގެ ކެމްޕޭން މެނޭޖަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު އަސްލަމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއި ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަންވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާލެއާއި ރަށްތަކުގައި ވީހާވެސް ގިނަ ރައީސް ނަޝީދުގެ ކެމްޕޭނު ޖަގަހަތައް ހުޅުވުމަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީން އިންތިޚާބުގައި ބަލިކުރުމަށް ކެމްޕޭނު ކުރުމަށް އަސްލަމް ވަނީ ރައްޔިތުންގެ ކިބައިން އެދި ވަޑައިގެންފައެވެ.

މީގެ އިތުރުން ދޮރުން ދޮރަށް ކުރާ ކެމްޕޭނުގައި ވޯޓާސް ލިސްޓުގައި ހުރިހާ ރައްޔިތުން ހިމެނިފައިވާކަން ކަށަވަރު ކުރުމަށް އެމްޑީޕީގެ ޕެޗް އޭޖެންޓުގެ ކިބައިން އޭނާ ވަނީ މި ޕްރެސް ކޮންފަރެންސުގައި އެދިވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އަބްދުﷲ މުހައްމަދު ހުންނެވި އިރު އޭނާ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، އެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާތީ ރައީސް ނަޝީދަށް އިންތިޚާބުގައި ބައިވެރިނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި އެމްޑީޕީން ނަޝީދު ހިމަނައިގެން ބޭއްވި ޕްރައިމަރީ ވެސް ބަލައިނުގަނެވޭނެ ކަމަށާއި ކުށްވެރިޔަކަށް ޕްރައިމަރީއެއްގައި ވެސް ބައިވެރިވެވިގެން ނުވާނެ ކަމަށް އީސީން ބުނެފައިވެއެވެ. އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ނަޝީދު އެކަނި ބައިވެރިވެވަޑައިގެން ބޭއްވި ފެންނަ ނުފެންނަ ވޯޓު ނަޝީދު ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.