ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަޖިލީހުގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަމީން ޢާންމު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 18 ޖޫންގެ ނިޔަލަށް ކަމަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭނެ ޝަރުތުތަކަކީ:
– ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވުން
– ރައްޔިތުންގެ މަޖިލީހަށް ޤާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުން
– ދިވެހި ރައްޔިތަކަށްވުން
– ބޭރު ޤައުމެއްގެ ރައްޔިތަކަށްނުވުން
– މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުން
– އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
– ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން
– ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުންދާ މީހަކު
ކަމުގައިވުން
– ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް
ކުރެވިފައިވާ މީހަކުނަމަ، އެޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަ ނޑައެޅުނު އަދަބު
މަޢާފްކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުން، މިއެވެ.
އަމީން ޢާންމުގެ މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
އަމީން ޢާންމުގެ މަގާމަށް ކުރިމަތިލުމަށްހުޅުވާލާފައި މިވަނީ އެމަގާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މަގާމުގެ މަސްއޫލިއްޔަތު މިހާރު އަދާ ކުރައްވަނީ އަމީން ޢާންމުގެ ނައިބެވެ.