Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ރަޝިޔާގެ ރައީސަށް ރައީސް ޔާމީންގެ ތަޙުނިޔާ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "ރަޝިޔާ ޑޭ" ގެ މުނާސަބަތުގައި ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށާއި، ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވްއަށާއި، އެޤައުމުގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

"ރަޝިޔާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

އެގޮތުން ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ރަޝިޔާއާއި ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ރަޝިޔާއާއި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުން އިސްކަންދޭ ދާއިރާތަކުން ރަޝިޔާގެ ރައީސް ޕުޓިންއާއި ރަޝިޔާގެ ސަރުކާރާއެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވަށް ފޮނުއްވި މެސެޖްގައި، ދިވެހިރާއްޖެއާއި ރަޝިޔާއާއި ދެމެދު އޮތް ދުވަސްވީ ގާތްގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމްގެ މައްޗަށްކަން ފާހަގަކުރައްވައި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމު އެކުގައި ކުރާ މަސައްކަތާއެކު ރާއްޖެއާއި ރަޝިޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވަނީ ރަޝިޔާގެ ރައީސްއާއި ރަޝިޔާގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި އެޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި، ކުރިއެރުމަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.