Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފިތުރު ޒަކާތް ބަހަން މާދަމާ ފަށަނީ

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ގޮވާމުގެ ބާވަތްތައް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ޒަކާތުގެ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ހެނދުނު 10:30 އިން މެންދުރު 12:00 އަށް އަދި މެންދުރު 12:35 އިން ހަވީރު 15:30 އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައި ވަނީ އަރަބިއްޔާ ސްކޫލް ހޯލްގައި މާދަމާ ހެނދުނު 10:30 އިން މެންދުރު 12:00 އަށާއި މެންދުރު 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށެވެ.

މި ހިނގާ ޖޫން 11 ގެ ނިޔަލަށް ފިތުރުޒަކާތުގެ ގޮތުގައި ޖުމްލަ 4051748 (ހަތަރުމިލިއަން ފަންސާސްއެއްހާސް ހަތްސަތޭކަ ސާޅީސްއަށެއް) ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފިތުރުޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ އެންމެ ފަހު ދުވަހަކީ މާދަމައެވެ. އެގޮތުން މާދަމާ މެންދުރު 13:00 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރު ކަމުގައި އިސްލާމިކް މިނިސްޓްރީ ބުނެއެވެ.