މި ހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ދެއްކުމުގައި ރާއްޖޭގެ ރީބްރޯޑްކާސްޓަރުންނަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަަދު ޝަހީބު ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ އިތުރަށް ރާއްޖޭގެ ރީބްރޯޑްކާސްޓަރުންނަށް ވެސް ވޯލްޑް ކަޕް ދެއްކޭނެ ކަމަށެވެ.
އަދި ރީބްރޯޑްކާސްޓަރުން ޗެނަލްތައް ދައްކަނީ ނޮން އެކްސްކްލޫސިވް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެހެންވީމަ ރީބްރޯޑްކާސްޓަރުން ދައްކާ ޗެނަލަކުން ވޯލްޑް ކަޕް ދައްކާ ނަމަ ރާއްޖޭގައި ވެސް އެދެއްކުމުގައި ޤާނޫނީ މައްސަލައެއް ނޯންނާނެ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.
ރާއްޖޭގައި އެއްވެސް ޗެނަލެއްގެ ރައިޓްސް އެކްސްކްލޫސިވްކޮށް ނުނެގޭނެ ކަމަށާއި ނަމަވެސް ވަކިވަކި އިވެންޓުތައް ނެގިދާނެ ކަމަށާއި އެފަދަ އިވެންޓެއް ރީބްރޯޑްކާސްޓް ކުރާ ޗެނަލަކުން ދެއްކުން ނުހުއްޓުވޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ޕީއެސްއެމް އިން މީގެ ކުރިން ބުނެފައިވަނީ "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެނަމުގައި އެހެން ހަރަކާތެއްވެސް ހިންގާ ނަމަ އެއީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ނަމަވެސް ޕީއެސްއެމުން މިއަދު ބުނީ އެ ކުންފުނިން ވޯލްޑްކަޕާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނަނީ ހުއްދަ ނޫން ގޮތަކަށް ވޯލްޑް ކަޕް ދައްކާނަމަ ފިޔަވަޅު އަޅާނެ ވާހަކަ ކަމަށެވެ.