ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ގާނޫނީ ރަދީފު" ފޮތާއި އެ ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން ލޯންޗްކޮށްފި އެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ފޮތް ނެރެދެއްވީ ބ. އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހްޔާ އެވެ.
އެ ފޮތުގައި ގާނޫނީ ބަސްތަކުގެ މާނަ ތަފްސީލާއެކު ހިމަނާފައިވާއިރު، އިނގިރޭސީން ބޭނުންކުރާ ބަސްތަކާ އެކު އެފޮތުގައި 1200 އަށްވުރެ ގިނަ ބަސް ހިމެނެ އެވެ. އަދި އެފޮތުގައި ގާނޫނީ ދާއިރާގެ ބަސްތަކުގެ އިތުރުން މާލީ ދާއިރާ އާއި ބެންކިން ދާއިރާގައި ބޭނުންކުރާ ބަސްތައް ވެސް ހިމެނޭނެ އެވެ.
އެ ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން އެ މަސައްކަތް ކުރަން އޭނާ ނިންމެވީ ދިވެހި ބަހުގެ އެކަޑަމީން ބަހުގެ ރަދީފް ހެދުމަށް އެކަށީގެންވާ މަސައްކަތް ނުކުރާތީ ކަމަށެވެ. އަދި ސުއޫދު ވިދާޅުވީ އޭނާގެ މަގުސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ގޮތުން ތައުލީމް ހާސިލްކުރާ މީހުންނަށް ގާނޫނީ ބަސްތަކުގެ މާނަ ފަސޭހައިން އެނގޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.
އެ ފޮތް ބުކްޝޮޕްތަކުން 200ރ. އަށް ވިއްކާއިރު ގިނަ ފޮތްތަކެއް ހިލޭ ބެހުމަށް ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ވަނީ ނިންމައިފަ އެވެ.
އެ ފޮތް ނެރުމަށް މިއަދު ބޭއްވި ހަފުލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެ ވަޑައިގަތެވެ.