Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

"ކިމް/ޓްރަމްޕް" ގެ ތާރީހީ ސަމިޓް ނިމިއްޖެ

ކިމް އާއި ޓްރަމްޕް ބައްދަލުވުމުގެތެރެއިން ސަލާމް ކުރައްވަނީ – ފޮޓޯ : ގެޓީ އިމެޖަސް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ލޯތަށް އަމާޒުވި އުތުރު ކޮރެއާއާއި އެމެރިކާގެ ރައީސްގެ ތާރީޚީ ސަމިޓު "ކިމް- ޓްރަމްޕް" ސަމިޓް ނިމިއްޖެއެވެ.

ސިންގަޕޫރުގައި މިއަދު ކުރިއަށް ދިޔަ މި ސަމިޓްގައި އުތުރު ކޮރެއާއިން ވަނީ ނިއުކްލިއރް ހަތިޔާރު އުފެއްދުން ހުއްޓާލައި މިހާރު ހުރި ހަތިޔާރުތަށް ނައްތާލުމުގެ އެއްބަސްވުމެއްގައި އެމެރިކާ އާއިއެކު ސޮއި ކޮށްފައެވެ.

މިއެއްބަސްވުމުގައި ވަނީ އުތުރު ކޮރެއާ އާއި އެމެރިކާއި ދެމެދު ހީނަރުވެފައިވާ ގުޅުން ބަދަހިކޮށް އާ ފެށުމަކުން ފެށުމަށް އެއްބަސްވެފައެވެ. އަދި ސުލްހައަށް އިސްކަން ދީގެން ކުރިއަށް ދިއުމަށާއި ދެކޮރެއާ ދެމެދުގައި އޮތް ނުތަނަވަސްކަން ނައްތާލުމަށް މިއަދުގެ ސަމިޓްގައި އެއްބަސްވެ ދެ ގައުމުގެ ލީޑަރުން ސޮއިކޮށްފައިވާ ބަޔާނެއް ވަނީ ނެރެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލާނެ ކަމަށާއި، މިކަމުގައި އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ މި އެއްބަސްވުމުގައިވާ ކަންކަމުގެ އިތުރު ތަފްސީލު ދެއްވާފައެވެ.

މިއެއްބަސްވުމުގައި ހިމެނެނީ މައިގަނޑު މުހިއްމު ނުކުތާ ތަކަކީ އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ނައްތާލުމާއި، ކޮރެއާ ސަރަހައްދުގައި އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތައް ހުއްޓާލުމާއި، ހަނގުރާމާއިގެ އަސީރުންނާއި މަރުވެފައިވާ ސިފައިންގެ ހަށިތައް އަނބުރާ ފޮނުވުމުގެ އެއްބަސްވުމެވެ.

އަދި ދެކުނު ކޮރެއާ އާއި އެމެރިކާގެ ހަނގުރާމާއިގެ ފަރިތަ ކުރުންތައް ހުއްޓާލާނެކަމަށް ޓްރަމްޕް ވިދާޅުވި އިރު ދެކުނު ކޮރެއާއަށް އެކަމުގެ ތަފްސީލެއް ލިބިފައިނުވާކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމެރިކާ އާއި އުތުރު ކޮރެއާއާއި ދެމެދު ވެވުނު އެއްބަސްވުން.- ފޮޓޯ : އޭއެފްޕީ

ތާރީހީ ބޮޑު ސަމިޓުގެ އެއްބަސްވުމުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އެގައުމާއި މެދު އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު އުވާލަން ނުވަތަ ލުއިތަކެއް ދިނުމަށް އެއްބަސްވުމުގަިއ ނެތުމެވެ.

ނަމަވެސް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ދެން އިތުރު ދަތި ކުރުމުގެ ފިޔަވަޅެއް އެޅުނަ ނުދޭނެ ކަމަށާއި ހަތިޔާރު ނައްތާލުމުގެ މަސައްކަތް ފެށުމުން ދަތިކުރުމުގެ ފިޔަވަޅުތަކާއި މެދެ ގޮތެއް ނިންމާނެކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މި ސަމިޓަކީ ވަރަށް ތާރީޚީ އަދި ކޮރެއާ ސަރަހައްދަށާއި މުޅި ދުނިޔެއަށްވެސް ސުލްހައަށް ހުޅުވުނު ދޮރެއްކަމަށެވެ.

ބައްދަލު ވުމަށް ފަހު ޓްރަމްޕް ވަނީ ސިންގަޕޫރުން ފުރާވަޑައިގެންފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިރޭގެ ވަގުތެއްގައި ކިމްވެސް އަނބުރާ ގައުމަށް ވަޑައިގަންނަވާނެއެވެ.

މި ސަމިޓަށް ސިންގަޕޫރުން 20 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު ކިމް އާއި ޓްރަމްޕް ވަނީ ސިންގަޕޫރު ސަކުރާރުން ދެއްވި މެހްމާންދާރީ އާއި ސަމިޓް ކާމިޔާބު ކުރެއްވުމަށް ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.