އަންނަ ބުރާސްފަތި ދުވަހު ފަށާ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ " ވޯލްޑް ކަޕް 2018" ރާއްޖެ އަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި އެވެ.
ވޯލްޑް ކަޕާ ދިމާކޮށް އުރީދޫން ތައާރަފް ކުރި ޕްރޮމޯޝަންތަކާ އެކު، ފުޓުބޯޅަ އަށް ރާއްޖޭގައި އޮތް ފޯރި އަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެކަން ފާހަގަކުރައްވަމުން އެކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ކަސްޓަމަރުން ކޮންމެ ތަނެއްގައި ތިބެގެން ވެސް ވޯލްޑް ކަޕް ބަލާލަން ލިބި، މި މުބާރާތާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
މި ކެމްޕޭނުގެ ދަށުން އުރީދޫ އިން ވަނީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްމާޓް ފޯން މެދުވެރިކޮށް ވޯލްޑް ކަޕް ސްޓްރީމް ކޮށް ބެލޭނެގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ވަރަށް ޚާއްސަ 195ރ. ގެ ޑޭޓާ ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ. އުރީދޫން ބުނިތޮގުގައި، އެ ޑޭޓާ ޕެކޭޖު ބޭނުން ކޮށްގެން، ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބެލޭނެ އެވެ. ޕެކޭޖް ނެގޭނީ ވޯލްޑް ކަޕް ފެށޭ ދުވަހު އެވެ.
މީގެ އިތުރުން ފީފާ ވޯލްޑް ކަޕް ފެންޓަސީގެ، އުރީދޫ ލީގްގައި ބައިވެރިވެގެން، އެއް ވަނަ ހޯދާ މީހަކަށް އެންމެ ފަހުގެ އައިފޯން 10 ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެ ލީގްގައި ބައިވެރިވުމަށް ބޭނުންކުރަން ޖެހޭ ކޯޑަކީ YOB4GGV3 އެވެ.
'މޮޅުވާނީ ކާކު؟' ގެ ނަމުގައި، ޓްވިޓާގައި ވެސް ޚާއްސަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކޮންމެ މެޗަކުން ވެސް މޮޅުވާ ޓީމު ދިމާކޮށްގެން، ނަސީބުވެރި މީހަކަށް ފަސް ޖީބީގެ ޑޭޓާ ލިބޭނެ ގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ.
އުރީދޫ އިން ޕީއެސްއެމް އާއި ގުޅިގެން ހިންގާ "ދެން ވާނީ ކިހިނެއް؟" މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން، ވީޑިޔޯގައި ދެންވާ ގޮތް ދިމާކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
އަދި ހަމަ އެހެންމެ ވޯލްޑްކަޕް ވީހާވެސް ގިނަ ބަޔަކަށް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ވަނީ ކެފޭތަކާއި ރެސްޓޯރަންޓް ތަކާއިއެކު ޕާޓްނާޝިޕްތައް ވެސް ހަދާފައެވެ. މީގެ އިތުރުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުން ވޯލްޑް ކަޕްގެ މެޗުތަކުގެ މައުލޫމާތު ހިމެނޭ ވޯލް ޗާޓްތައް، މުބާރާތުގެ ތެރޭގައި ދޫކުރަމުން ދާނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
ވޯލްޑް ކަޕާއި ގުޅުވައިގެން އުރީދޫއިން ވަނީ ފޭސްބުކްގައި ޕްރޮފައިލް ޕިކްޗަރ ފްރޭމްތަކެއް ވެސް ލޯންޗްކޮށްފައެވެ. މި ފްރޭމްތައް މެދުވެރިކޮށް، ސަޕޯޓަރުން ޓީމްތަކަށް ދޭ ތަރުހީބު ވަރަށް ތަފާތުގޮތަކަށް ދައްކުވައިދެވޭނެއެވެ.