ރިޕޯޓް

ޖޫން 13: މައުމޫނަށް ހުކުމްކޮށްފާނެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ މާޗް މަހެއްގެ 13 ވަނަ ދުވަހުގައެވެ. އެ ދުވަހު ނަޝީދުގެ މައްޗަށް ހުކުމް އިއްވީ ގަޑިން 23:13 ގައެވެ.

އެއީ 13 ވަަނަ ނަންބަރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި ހުކުމާއި ހުރި ބައެއް ގުޅުންތަކެވެ. މި ވާހަކަތައް އެއްފަރާތް ކުރުމަށް ފަހު މިއަދުގެ ތާރީޚަށް ބަލަމާ ހިނގާށެވެ. މިއަދަކީ ޖޫން މަހުގެ 13 ވަނަ ދުވަހެކެވެ. އަނެއްކާވެސް 13 އެކެވެ.

އިއްތިފާގެެއް ނަމަވެސް މިއަދު ކްރިމިނަލް ކޯޓުގައި 13:00 ގައި ޝެޑިއުލް ކުރެވިފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޝަރީޢަތުގެ ފަހު އަޑުއެހުމެެވެ. އާއްމުގޮތެއްގައި ކޯޓުތަކުގައި އޮންނަ އަޑުއެހުންތައް ފަށާ ގޮތަށް ބަލާއިރު ޝެޑިއުލް ކުރާ ގަޑިއަށް ވުރެ ކުޑަ ތަންކޮޅެއް ލަސްވެއެވެ. އެހެން ކަމުން މިއަދު މައުމޫނުގެ ޝަރީޢަތް ފަހަރެއްގައި 13:13 ގައި ވެސް ފަށާ ފާނެއެވެ.

މީގެ އިތުރުން މައުމޫނުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރައްވަން ފެއްޓެވިތާ މިއަދަށް ވާނީ 1 މަހާއި 13 ދުވަހެެވެ.

ހުޅަނގުގެ ގަބޫލުކުރުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި "ފްރައިޑޭ ދަ ތާޓީންތަކީ" ސުންޕާކަން ބޮޑު، ނަސީބު ދެރަ ދުވަހެކެވެ. އެ ޤަބޫލުކުރުންތަކަށް ނުބެލި ނަމަވެސް 13 އާއި އޮނިހިރި އަދަދުތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަޚުގައި "ބަދުނަސީބު" ނަންބަރުތަކެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދެކޭ އެއްފަދައިން ކުރީގެ ރައީސް މައުމޫންގެ މައްޗަށް ހުކުމް އިއްވަނީ ވެސް 13 ވަނަ ދުވަހެއްގައި ކަމަށް ވެދާނެއެވެ.