ޚަބަރު

ނަޖީބު ހައިކޯޓަށް، ޑީޑީ އާއި ޣަނީ ސުޕްރީމް ކޯޓަށް

ކްރިމިނަލް ކޯޓުގެ ގާޒީ ހަަސަން ނަޖީބު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށާއި އަދި ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެބޭފުޅާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައެވެ.

އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 2004 ވަނައަހަރުގެ މާރޗްމަހުގެ 14 ވަނަ ދުވަހުއެވެ. ފަނޑިޔާރު ޣަނީ ވަނީ މީގެ ކުރިން އަދި 21 ހައިކޯޓްގެ އިސްފަނޑިޔާރުގެ މަގާމް ވެސް އަދާކުރައްވާފައެވެ.

ހައިކޯޓަށް އައްޔަން ކުރުމަށް ނިންމާފައިވާ ގާޒީ ހަސަން ނަޖީބު ކްރިމިނަލް ކޯޓަށް އައްޔަން ކުރިތާ އަދި 2 މަސް ދުވަސް ވެސް ނުވެއެވެ. ކުރިން ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ނަޖީބު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ 30 އޭޕްރީލް 2018 ގައެވެ.