Last Updated: April 25, 09:17
Thursday, April 25, 2024
ޚަބަރު

އިންޑިއާގައި ފެނުގެ ދަތިކަން އިންތިހާ އަށް

އިންޑިއާގެ ތާރީހުގައިވެސް މިހާތަނަށް ކުރިމަތިވެފައި ނުވާ ވަރަށް ފެނުގެ ދަތިކަން ކުރިމަތިވެ 600 މިލިއަނެއްހާ މީހުން ފެނުގެ ދަތިކަމާއި ކުރިމަތި ލާން ޖެހިފައިވާކަމަށް އިންޑިއާގެ ނިތީ އަޔޯގްގެ ރިޕޯޓްތަކުން ދައްކައިފިއެވެ.

މި ރިޕޯޓްތަށް ބުނާގޮތުން އިންޑިއާގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދެލައްކަ މީހުން ސާފު ބޯފެން ނުލިބުމާއި ތައައްޔަރުވެފައިވާ ފެން ބޭނުން ކުރުމުގެ ސަބަބުން މަރުވެއެވެ.

އިންޑިއާގެ 29 ސްޓޭޓްގެ ތެރެއިން 24 ސްޓޭޓެއްގައި ކުރިއަށްގެންދިޔަ ސާވޭތަކުގެ ރިޕޯޓްތައް ދައްކާގޮތުން ކުރިއަށް އަހަރުތަކުގައި ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެގެންދާނެއެވެ. އަދި މިހާރު ފެނުގެބޭނުން ކުރާމިންވަރަށް ބަލާފައި 2020 ވަނައަހަރާއި ހަމައަށް ދާއިރު އިންޑިއާގެ 21 ސިޓީއެއްގެ ބިމުގެ ފެންފަށަލަ އެއްކޮށް ނެތިގެން ދާނެ ކަމުގެ އިންޒާރު މިރިޕޯޓްތަކުން ވަނީ ދީފައެވެ.

ފެނުގެ ދަތިކަން މިގޮތަށް ކުރިމަތިވުމުގެ އެންމެ ބޮޑު ސަބަބަކީ ދަނޑުވެރިކަން ކުރުމުގައި ފެން ނެގުމުގައި ބޭނުންކުރާ ނުރަނގަޅު ގޮތްތަކާއި އަދި ފެންފަށަލަ ތައައްޔަރުވެފައި ވާލެއް ބޮޑުކަމުންނެވެ. އިންޑިއާގައި 80ޕަސެންޓް ފެން ދަނޑުވެރިކަމަށް ބޭނުންކުރާއިރު ދަނޑުވެރިން ފެން ބޭނުން ކުރަނީ އެންމެ ދެމެހެއްޓެނިވި ގޮތަށް ނޫންކަމަށް މިރިޕޯޓްތަކުގައި ބުނެއެވެ.

ބިމުން ފެން ނެގުމަށް އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ދަނޑުވެރިންނަށް ދަނީ ހިލޭ ކަރަންޓާއި އަދި މާލީ އެހީ ފޯރު ކޮށްދެމުންނެވެ. މިހެންވުމުން އެއްވެސް ކޮންޓްރޯލެއް ނެތި ފެނުގެ ބޭނުންކޮށް އިސްރާފުކުރުން ވަނީ ބޮޑުވެފައެވެ.

ފެންފަށަލަ ނެތިގެންގޮސް މިގޮތަށް ފެނުގެ ދަތިކަމާއި ކުރިމަތިލާނެ ޖެހުމުން ދަނޑުވެރިކަމަށް ބޮޑެތި އަސަރުކޮށް ކާބޯތަކެތި އުފައްދާ ލިބުމުގައިވެސް ދަތިތަކާއި ކުރިމަތިވެގެންދާނެ ކަމުގެ އިންޒާރު މި ރިޕޯޓްގައިވަނީ ދީފައެވެ.