އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އައްޑު އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު ފުރާވަޑައިގަތުމަށް ސ. ގަމުގެ އެއާޕޯޓް ޓާމިނަލް އަށް ވަދެ ވަޑައިގަތުމުން އެ މަނިކުފާނާ އެކު އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވަދެވަޑައިގަތުމުން އެއާޕޯޓް ސެކިއުރިޓީން ސޯބެ ހިފަހައްޓަން އުޅުމުން ސެކިއުރިޓީ ކޮއްޕަވާލެއްވުމަށް ފަހު އެތެރެ އަށް ވެދެވަޑަައިގެންފި އެވެ.
ގަމުގެ އެއާޕޯޓްގެ ސެކިއުރިޓީ ކޮމާންޑްގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ވިދާޅުވީ ސެކިއުރިޓީ ފާސް ނެތި ސޯބެ ވަދެވަޑައިގަތުމަށް އުޅުމުން ސެކިއުރިޓީ އޮފިސަރު އެކަމަށް ހުރަސް އެޅުމުން ވެސް ސޯބެ އެތެރެ އަށް ވެދެވަޑައިގެންނެވި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އާއްމު އުސޫލުން ކުރިން އެދިގެން ވީއައިޕީ ފާސް ދޫކުރާ ކަމަށާއި، އެގޮތުން މިއަދު ވެސް އެގޮތަށް ޑިޕާޗަ ޓާމިނަލް އަށް ވަދެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ފާސް ދޫކުރެވޭނެކަން އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ދެރަވަނީ ގާނޫންތަކަށް އިހްތިރާމްކޮށް ނަމޫނާ ދައްކަވަން ޖެހޭ ފަރާތްތަކުން އެފަދަ ކަންކަން ނުކުރައްވައި ގަދަ ބާރުން ކަންކަން ކުރައްވާތީ." އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ސޯބެ ސެކިއުރިޓީ ފަޅާލައި ގޮސް ޑިޕާޗަ ޓާމިނަލް ތެރޭގައި ހުންނަވަނިކޮށް އެތަނުން ދިއުމަށް އެދުމުން ވެސް ނުދިޔަ ކަމަށެވެ.
"ހަޤީގަތުގައި މީ ވަރަށް ކަންބޮޑުވާ މައްސަލައެއް، ސެކިއުރިޓީ ބެރިއާ ފަހަނަޅައި އެއްވެސް މީހަކަށް ނުދެވޭނެ. އެ މީހަކު ސެކުރިޓީ ޗެކް ކުރެވެން ޖެހޭނެ. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ މިއަދު ފުރި ފްލައިޓަށް އެރި މީހުން ސޭފް ކަމަށް." އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މައްސަލަ އެއާޕޯޓް ސެކިއުރިޓީ ކޮމާންޑް ބަލަހައްޓަވާ އެމްއެންޑީއެފް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.