Last Updated: April 19, 18:52
Friday, April 19, 2024
ރިޕޯޓް

ލަބީބު: ދިވެހި ބަސް ކިޔަވައި ދެއްވުމުގައި ބައި ގަރުނު

ދިވެހި ބަހުގެ ރީތިކަމާއި މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދެއްވުމުގެ މަސައްކަތުގައި ސ. ހިތަދޫ ކެމީ ހަސަން ލަބީބު މަސައްކަތް ކުރައްވާތާ މިއަދަށް 50 އަހަރުވީ އެވެ.

ދިވެހި ބަހުގެ ހިދުމަތުގައި މުޅި ހަޔާތް ހޭދަ ކުރައްވައި، ރަންޔޫބިލް ފާހަގަ ކުރައްވާ އިރު މިއީ ދިވެހި އަދަބީ ގުލްޝަނުގައި ފާހަގަކޮށްލެވޭ ތާރީހީ ދުވަހެކެވެ. މިއީ ވަކިން ހާއްސަކޮށް ލަބީބުގެ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އޭނާގެ މަސައްކަތުގެ ހަނދާންތައް ވެސް އާ ކުރަން ޖެހޭނެ ދުވަހެކެވެ. ލަބީބުގެ އަދަބީ ގުލްޝަނުން ފަރިވި ހިދުމަތްތަކަކީ ދިވެހި އަދަބިއްޔާތުގެ މުހިއްމު ހިއްސާއަކަށް ވާނެ ކަމާ ދޭތެރޭ ވެސް ޝައްކެއް ނެތެވެ.

ޖޫން 13، 1968 ގައި މުދައްރިސެއްގެ ހައިސިއްޔަތުން އަލްމަރުޙޫމް ސިއްކަގޭ ދޮންމަނިކުފާނު (އަބްދުލްމަޖީދު ސަލީމް) ހިންގެވި ރަހުބަތު-ދިރާސާ ގެ ތިންވަނަ ކުލާހަށް ވަދެ ކިޔަވައިދެއްވަން ފެއްޓެވި ގޮތަށް އަދިވެސް އެ މަސައްކަތުގަ އެވެ.

ލަބީބަކީ ދިވެހި ބަހަށް ލޯބި ކުރާ، ދިވެހި ބަސް ކުރިއަރުވަން ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައި ދެއްވައި އެބަހަށް ލޯބި ޖެއްސުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައިވެ އެވެ. އެ މަސައްކަތުން މިދީބަށް އެތައް ބަހުގެ ފުންނާބު އުސް ދަރިން ވަނީ އުފެދިފައެވެ. ދިވެހި ބަހަށް ލޯބި ކުރާ ދިވެހި ބަސް ދަމަހައްޓާނެ ދަރިންތަކެއް ވަނީ ނެރެ ދެއްވާފައެވެ.

މިއަދު ވެސް "އަދަބީ ހިޔާ" ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށް ގްރޭޑް 3-12 އާ ދެމެދުގެ ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައި ދެއްވަ އެވެ.

ދިވެހި ބަހުގެ މުދައްރިސެއްގެ އިތުރުން ލަބީބަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލަބީބު ވިދާޅުވާ ގޮތުން އޭނާ އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ އުމުރުން އެންމެ 16 އަހަރުގަ އެވެ. އެއީ "ރަމަޟާން މުބާރިކް" ކިޔާ ޅެމެކެވެ.

މުޅި ރާއްޖެ އަށް ބެލިކަމުގައި ވިޔަސް ލަބީބަކީ ފާހަގަކޮށްލެވޭ މޮޅު ޅެންވެރިއެކެވެ. ޅެންވެރިކަން ކުރިއަރުވައި، ދިރުވުމުގެ ގޮތުން ލަބީބު ވަނީ މިހާތަނަށް 190 އަށް ވުރެ ގިނަ ޅެންވެރިން ތައްޔާރުކޮށްފަ އެވެ.

މީގެ އިތުރުން ވެސް ލަބީބަކީ އައްޑޫ ބަސް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އައްޑޫ ބަހުން ލިޔުއްވައި، ބަހުރުވައިގެ މުއްސަދިކަން މި ޖީލުގެ ދަރިންނަށް ބުނެ ދެއްވައެވެ. ތަފާތު ސޯޝަލް މީޑިއާ ޕްލެޓްފޯމު މެދުވެރިކޮށް ރިވެތި އައްޑޫ ބަސް ބުނެދެއްވަ އެވެ.

ލަބީބުގެ އަގުހުރި މަސައްކަތް މިއަތޮޅު ރައްޔިތުން ދަނީ އުފަލާއި އެކު ބަލައިގަންނަމުންނެވެ. ލަބީބުގެ މަސައްކަތަށް މިއަދު ރަންޔޫބިލް ފުރުނު އިރު ދިވެހި ބަސް ކުރިއަރުވައި، އަދައްބިއްޔާތަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ އެވޯޑްސް ލިބިވަޑައިގެންފަ އެވެ.

"އައްޑޫލައިވް" އިން އެދެނީ ލަބީބުގެ މަސައްކަތުގައި މާތްﷲ ބަަރަކާތްލައްވައި އުފާވެރިކަމާއި ފާގަތިކަން މިންވަރު ކުރެއްވުން. އާމީން