ޚަބަރު

ފައިނަލަށް ބޭރުމަތި އޮތީ ތައްޔާރަށް

އެފްސީ ބޭރުމަތި ޓީމުގެ ކުޅުންތެރިން.

މިދިޔަ އަހަރުގެ މިޓިސުބުޝީ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވުމަކީ، އެފްސީ ބޭރުމަތި ޓީމުން ދައްކާ ތަފާތު މޮޅު ކުޅުމުގެ ސިއްރަކަށް ވެދާނެއެވެ.

މިރޭގެ ފައިނަލަށް ނިކުންނައިރު މިއަހަރުގެ މުބާރާތުގައި އެފްސީ ބޭރުމަތިން 21 ލަނޑު ޖެހިއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 4 ލަނޑެވެ. އެހެންވެ އެޓީމުގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަން ޔަޤީނެވެ.

ބޭރުމަތި ޓީމު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް އެޓީމުގެ މެނޭޖަރ އަހްމަދް އާސިމް(އައްމައްކޯ) ބުނިގޮތުގައި މެޗު ފަސޭހަ ނުވާނެ ކަމަށާއި އެޓީމުން ފައިނަލަށް ނިކުންނާނީ ލޮނަ އެފްސީ އަކީ ވެސް މޮޅު ޓީމެއް ކަން ދަނެގެން ކަމަށެވެ.

"އިދިކޮޅު ޓީމަކީ މޮޅު ޓީމެއް، ބޭރުމަތި ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ މިރޭ ބޭރުމަތި މޮޅުވާނެ." އައްމައްކޯ ބުންޏެވެ.

ހިތަދޫ "ކިނބިވައު" ހިސާބަށް ނިސްބަތްވާ ޓީމުގައި ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގިނަ ކުޅުންތެރިން ހިމެނެއެވެ. ޓީމުގެ މުގުލުގައި ހުރީ "ކިނބިވައު" ސަރަހައްދަށް ނިސްބަތްވާ އަހްމަދް ނާޝިދް(ނައްޓޭ) އެވެ.